logo
banner image

އިސްލާމީ ދާއިރާއިން 90 މަޝްރޫޢުއެއްގެ މަސައްކަތް ދަނީ ކުރިއަށް: ރައީސް

އިސްލާމީ ދާއިރާއިން 90 މަޝްރޫޢުއެއްގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވޭތުވެދިޔަ އަހަރު 74 މިސްކިތަކާއި 7 އިސްލާމީ މަރުކަޒާއި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ 3 ގޮތްޕަކާއި 6 ވަޤުފު އިމާރާތާއެކު ޖުމުލަ 90 މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށްދާކަމަށެވެ.

މީގެ އިތުރުން މިއަހަަރު ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށޭނެކަމަށާއި މީގެ ތެރެއިން 3 މަރުކަޒުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް އެއްބަސްވުމުގައި މިހާރު ސޮއިކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރު އިތުރު 17 ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށޭނެކަމަށްވެސް ރައީސްގެ ބަޔާނުގައި ވިދާޅުވިއެވެ.

"ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތަކީ މާތްވެގެންވާ އިސްލާމްދީން އިސްލާމްދީނުގައި އެންމެ މަތިވެރި ބިނާތަކަކީ މާތްﷲގެ ގެކޮޅުތައްކަމަށްވާ މިސްކިތްތައް. މިސްކިތްތަކަކީ އިސްލާމީ ޙަޟާރަތުގެ އެންމެ ޒީނަތްތެރި މަލަތައް. އަޅުގަނޑު ދެކޭ ގޮތުގައި މި ޒީނަތްތެރިކަން ސައްތައިން ސައްތަ ދިވެހިރާއްޖެއިން ވަރަށް ފުރިހަމައަށް ފެންނަން ވާނެ." ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ހަމައެއާއެކު މިސްކިތްތައް އަޅާ ހުޅުވުމުގެ އިތުރުން ބޭނުންކުރަމުންދާ މިސްކިތްތައް މަރާމާތު ކުރުމަށްވެސް މި ސަރުކާރުން ޚާއްސަ ސަމާލުކަމެއްދެމުންދާކަމަށާއި އެގޮތުން ނިމިދިޔަ އަހަރު 19.4 މިލިއަން ރުފިޔާ ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިސްކިތްތައް މަރާމާތުކުރުމަށް ހޭދަކުރެވިފައިވާކަމަށާއި މިއަހަރު މިކަމަށް 15 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވާނެކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެެވެ.

މީގެ އިތުރުން މިސްކިތްތަކުގެ މައި ހޯލުގައި 800 އަށްވުރެ ގިނަ މީހުންނަށްވުރެ ގިނައިން ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީ ކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން މި ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން މާލެ ސިޓީގެ 4 މިސްކިތެއް އޭސީކުރެވޭނެކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އިސްލާމީ ދާއިރާއިން މި ސަރުކާރުން ކުރަމުންދާ މުހިއްމު މަސައްކަތްޕުޅުތަކަށް ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.