logo
banner image

ބޮޑުކަންނެލި މަސްވެރިންނަށް ރަނގަޅު މަންފާއެއް ހޯދުމަށް މިދަނީ މަސައްކަތް ކުރަމުން: ރައީސް

ބޮޑުކަންނެލި މަސްވެރިންނަށް ރަނގަޅު މަންފާއެއް ލިބޭނީ، ކަންނެލި އެކްސްޕޯޓް ކުރާ ކުންފުނިތަކަށް ބޭނުންވާ ޒަމާނީ ޕެކިންގ ފެސިލިޓީއެއް ޤާއިމުކޮށްގެން ކަމަށްވާތީ، ހުޅުމާލޭގައި މިފަދަ ފެސިލިޓީއެއް އެޅުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސް، މި ހިނގާ 2026 ވަނަ އަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއއްވަވަމުން ރައީސް ވިދާޅުވީ ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްވެސް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކަޅުބިލަމަހުގެ މަސްވެރިންނެކޭ އެއްގޮތަށް، ބޮޑުކަންނެލި މަސްވެރިންނަށްވެސް، އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ބޮޑުކަންނެލި މަސްވެރިންނަށް ރަނގަޅު މަންފާއެއް ލިބޭނީ، ކަންނެލި އެކްސްޕޯޓް ކުރާ ކުންފުނިތަކަށް ބޭނުންވާ ޒަމާނީ ޕެކިންގ ފެސިލިޓީއެއް ޤާއިމުކޮށްގެން ކަމަށްވާތީ، ހުޅުމާލޭގައި މިފަދަ ފެސިލިޓީއެއް އެޅުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިކަމަށްޓަކައި ހުޅުމާލޭގައި ޤާއިމުކުރަން ހަމަޖެހިފައިވާ 100 ޓަނުގެ ޕެކިންގ ފެސިލިޓީ އެޅުމަށް ބޭނުންވާ 25،000 އަކަފޫޓުގެ ބިމުގެ އެއްބަސްވުމުގައި ސޮއިކޮށް މި ފެސިލިޓީގެ ޢަމަލީ މަސައްކަތް، މި އަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ބޮޑުކަންނެލި ގަތުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށް ސަރުކާރުގެ އަމާޒަކީ ބޮޑުކަންނެލި މަސްވެރިކަން ތަރައްޤީކޮށް ބޮޑުކަންނެލި މަސްވެރިކަމުން ލިބޭ އިޤްތިޞާދީ ނަފާ އިހުނަށްވުރެ އިތުރުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.