ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބިލުތަކަށް 15 ދުވަސްތެރޭ ފައިސާ ދެއްކޭނެ ގޮތަށް ހަމަޖައްސަނީ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ސަރުކާރަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި މުދަލުގެ ބިލުތަކަށް 15 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް 5 ފެބްރުއަރީ 2026 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ރިޔާސީ ބަޔާނާ ގުޅިގެން، ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޭ ޚިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ލަސްވުން ކަމަށެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިސް ސިޔާސަތެކެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ކޭޝްފްލޯއިން ޖާގަދިން އެންމެ ފުޅާމިނަކުން ސަރުކާރުގެ ބިލުތަކަށް ގަވައިދުން ފައިސާ ދައްކަމުން ދިއުން. ޚާއްޞަކޮށް ރާއްޖޭގެ ކުދި ވިޔަފާރިތަކަށް 15 ދުވަހުގެ ތެރޭގައި ޕޭމަންޓުތައް ހެދުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް،" ވަޒީރު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން ރާއްޖޭގެ ވިޔަފާރިތަކުގެ ބިލުތަކަށް 6.3 ބިލިޔަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. އަދި ބޭރުގެ ވިޔަފާރިތަކަށް ދައްކަންޖެހޭ 1.5 ބިލިޔަން ރުފިޔާގެ ބިލަށްވެސް މާލީ ވުޒާރާއިން ފައިސާ ދައްކާފައިވާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުރީގެ ސަރުކާރުތަކުން ނުދައްކައި ހުރި "ލެގަސީ" ބިލުތައް ޚަލާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުގެ ދަށުން، ސަރުކާރު ކުންފުނިތަކަށް 882 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މި ފައިސާ ދޫކޮށްފައިވަނީ ބިލުތަކުގެ ސައްހަކަން ބަލައި، އޮޑިޓަރ ޖެނެރަލްގެ ލަފާގެ މަތިންނެވެ.
ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، މިހާތަނަށް ސަރުކާރަށް ފޯރުކޮށްދީފައިވާ މުދަލާއި ޚިދުމަތްތަކަށް 1.3 ބިލިޔަން ރުފިޔާ ވަނީ ދައްކާފައެވެ. އަދި މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކަށް ދައްކަން ބާކީ ހުރީ ގާތްގަނޑަކަށް 791 މިލިޔަން ރުފިޔާއެވެ.
"ރައީސް މިކަމަށް އެންމެ އިސްކަމެއް އެ ދެއްވަނީ ޑިސްޓްރިބިއުޝަން އޮފް ވެލްތް ވަރަށް އެފިޝެންޓްކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައިގެން،" ވަޒީރު ވިދާޅުވިއެވެ.
އިޤްތިޞާދީ ވުޒާރާއާއި މާލީ ވުޒާރާ ގުޅިގެން ކުރަމުންދާ މި މަސައްކަތްތަކުގެ ސަބަބުން، މިއަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މާލީ ގޮތުން ބާރުވެރިވެ، އެ ފަރާތްތަކުގެ ކާމިޔާބު އަހަރަކަށް ވެގެންދާނެ ކަމަށްވެސް ވަޒީރު ޒަމީރު ވިދާޅުވިއެވެ.
