ދައުލަތަށް ލިބޭ އާމްދަނީއަށް ބަލާއިރު އަދާކުރަންޖެހޭ ދަރަނި ދައްކައި ޚަލާސްކުރެވޭނެ ޔަޤީންކަން އެބައޮތް: މާލީ ވަޒީރު
ރާއްޖޭގެ އާމްދަނީއަށް ބަލައިގެން، 500 މިލިޔަން ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކޭނެ ގޮތްތައް ރާވައިގެން ކުރިއަށްދާކަމަށާއި، އެ ދަރަނި ދެއްކޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް 5 ފެބްރުއަރީ 2026 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ރިޔާސީ ބަޔާނާ ގުޅިގެން، ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިއެޕްރީލް މަހު ދައްކަންޖެހޭ 500 މިލިޔަން ޑޮލަރުގެ ސުކޫކު ރީފައިނޭންސް ކުރުމުގެ މަސައްކަތް ކުރަމުންދަނީ ކުރީގެ ސަރުކާރުން އަމަލުކުރި ގޮތާ ޚިލާފަށް، ވަރަށް ބޮޑަށް ރާވައިގެން ކަމަށެވެ.
މިގޮތުން، ދަރަނި އަދާކުރުމަށް ބޭނުންވާ 150 މިލިއަނެއްހާ ޑޮލަރު ނަގަންޖެހޭއިރު، އެ ފައިސާ ކުޑަ އިންޓަރެސްޓެއްގައި ހޯދޭނެ ފަދަ މާލީ ހާލަތަކަށް ރާއްޖެ ގެންގޮސްފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވެސް ވަނީ ދަރަނީގެ މި ނުތަނަވަސްކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު އޮތް އެންމެ ބޮޑު މާލީ ގޮންޖެހުމަކީ 2017 ވަނަ އަހަރު ނެގި 250 މިލިޔަން ޑޮލަރުގެ ބޮންޑު ދެއްކުމަށްޓަކައި، 2021 ވަނަ އަހަރުގެ ސަރުކާރުން މާ ބޮޑު އަގުގައި ނެގި 500 މިލިޔަން ޑޮލަރުގެ ސުކޫކު މިއަހަރު ދައްކަން ޖެހުމެވެ.
މީގެ އިތުރަށް، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) ގެ ރިޕޯޓުތަކުން ރާއްޖެ އޮތީ "އެޓް ހައި ރިސްކް އޮފް ޑެޓް ޑިސްޓްރެސް" ނުވަތަ ދަރަނި ނުދެއްކިދާނެ ފަދަ ނުރައްކާތެރި ހާލަތެއްގައި ކަމަށް ބަޔާންކޮށްފައި އޮތުމަކީ ވެސް ކުރިމަތިވި ބޮޑު ގޮންޖެހުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ނަމަވެސް، މާލީ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ކުރެއްވި ހަރުދަނާ މަސައްކަތްޕުޅުން، މިހާރު ދަރަނި ދެއްކުމުގެ ޤާބިލުކަން ދައުލަތުގެ ރިޒާވްގައި އެބަހުރި ކަމަށެވެ.
"މިހާރު އެބަހުއްޓޭ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި (އެސް.ޑީ.އެފް) ފައިސާ ދެއްކުމަށްޓަކައި 275 މިލިޔަން ޑޮލަރަށްވުރެ އިތުރަށް. އޭގެ މާނައަކީ 2017 ގައި ނެގިފައި އޮތް 250 މިލިޔަން ޑޮލަރުގެ ދަރަނި މިހާރު ދައްކަންވީ ފައިސާ އެހެނީ. އަދި އޭގެ އިތުރަށް 25 މިލިޔަން ޑޮލަރު އެބަހުރި،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ރާއްޖޭގެ ޔޫޒަބަލް ރިޒާވް މިހާރު ހުރީ 600 މިލިޔަން ޑޮލަރާ ގާތްކުރާ މިންވަރެއްގައެވެ. އަދި ގްރޮސް ރިޒާވްގައި 1.1 ބިލިޔަނަށްވުރެ ގިނަ ފައިސާ ހުރުމާއެކު، ސުކޫކުގެ ދަރަނި މިއަދު ދައްކަން ޖެހުނު ނަމަވެސް އެކަން ކުރުމުގެ ޤާބިލުކަން ސަރުކާރުގައި އެބަހުރިކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
