logo
banner image

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީފްރީ ޒޯނެއް ތަރައްޤީކުރުމުގެ މަސައްކަތާއި، ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތާއި، ބަލްކް ކާގޯ ފެސިލިޓީ ޤާއިމްކޮށް، އެ ޚިދުމަތްތައް މިއަދުން ފެށިގެން ދޭން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ފަދައިން، އައްޑުއަތޮޅާއި، އެ ސަރަހައްދުގެ ކައިރި އަތޮޅުތަކުގެ ވިޔަފާރިތަކަށް ވިޔަފާރިތަކަށް ލުއިތަކެއް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީފްރީ ޒޯނެއް ތަރައްޤީކުރުމުގެ މަސައްކަތާއި، ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތާއި، ބަލްކް ކާގޯ ފެސިލިޓީ ޤާއިމްކޮށް، އެ ޚިދުމަތްތައް މިއަދުން ފެށިގެން ދޭން ފަށައިފިއެވެ.

މިއަދު ހަވީރު ހިތަދޫ ވިޔަފާރި ބަނދަރު ސަރަހައްދުގައި މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ބޮންޑެޑް ޒޯން އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދެވެ.

މިއަދު ހިތަދޫ ވިޔަފާރި ބަނދަރުގައި އަލަށް ތަޢާރުފުކުރެވުނު ޚިދުމަތްތަކުގެ ތެރޭގައި، ކާބޯތަކެތީގެ މައިގަނޑު ބާވަތްތަކާއި އަސާސީ މުދާ އަދި އިމާރާތްކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލި ފަދަ ތަކެތި ބަލްކްކޮށް، ޑިއުޓީއާ ނުލައި ރައްކާކުރެވޭނެ ބޮންޑެޑް ސަރަޙައްދެއް ޤާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން، ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތް ފެށުމާއި، މުދާ ބެހުމަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ޑޮމެސްޓިކް ވިޔަފާރިވެރިންނަށް ޚާއްޞަ މުދާ ބާލާ ސަރަޙައްދެއް ޤާއިމްކުރެވިގެންދާނެއެވެ.

މި ފެށުނު ޚިދުމަތްތަކުގެ ސަބަބުން ވިޔަފާރިތަކުގެ ލޮޖިސްޓިކްސް ޚަރަދުތައް ކުޑަވެ، ދެކުނުގެ އަތޮޅުތަކަށް މުދާ ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ވިލުންވެރިކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށް މަގުފަހިވާނެއެވެ.

މިއީ އައްޑޫ ސިޓީ އާއި ދެކުނުގެ ސަރަޙައްދުތަކުގެ ތަރައްޤީގައި އައްޑޫގެ ދައުރު ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، މިއީ ދެމެހެއްޓެނިވި ތަރައްޤީއަށާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ވިޔަފާރީގެ ފުރުޞަތުތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ދެއްވާ އިސްކަން ހާމަކޮށްދޭ މަޝްރޫޢެކެވެ.