ނިއުޒިލޭންޑްގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ވައިޓަންގީ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި
ނިއުޒިލޭންޑްގެ ވައިޓަންގީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، މިނިސްޓަރ އޮފް ރޭސިންގ، އަދި މިނިސްޓަރ އޮފް ރެއިލް، ވިންސްޓަން ޕީޓަރސް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ވައިޓަންގީ މުޢާހަދާގައި ސޮއިކުރުމުގެ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވައިޓަންގީ ދުވަހުގެ މުނާސަބަތުގައި ނިއުޒިލޭންޑްގެ ސަރުކާރަށާއި ރައްޔިތުންގެ އިތުރުން މަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
ދިވެހިރާއްޖެ އާ ނިއުޒިލޭންޑް އާ ދެމެދު އޮތް ގުޅުމަކީ އިތުބާރާއި، އެއްބައިވަންތަކަމުގެ އަސާސްތަކާއި، ދެމެހެއްޓެނިވި އެކުވެރިކަމުގެ މައްޗަށް އެކުލެވިގެންވާ ގުޅުމެއްކަމުގައި ފާހަގަކުރަމެވެ. އެހެންކަމުން، ކުރިއަށް އޮތް އަހަރުތަކުގައިވެސް، އަޅުގަނޑުމެންގެ ޤައުމުތަކުގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިވެގެންދާނެކަން އަޅުގަނޑު ޔަޤީންކުރަމެވެ.
މަނިކުފާނަށް ދުޅަހެޔޮ ސިއްޙަތާއި ނިއުޒިލޭންޑްގެ ރައްޔިތުންނަށް ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."
-1770366436954.webp)