އެމްއެންޑީއެފް އެފްއާރުއެސްއިން މޯލްޑިވިއަންގެ މުވައްޒަފުންނަށް ފަޔަރ އެވެއާނަސް ޕްެރޮގްރާމެއް ހިންގައިފި
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މޯލްޑިވިއަންގެ މުވައްޒަފުންނަށް ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ހިންގައިފިއެވެ.
މިއަދު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގައި ކުރިއަށްދިޔަ މި ޕްރޮގްރާމްގައި އެ އޮފީހުގެ 23 މުވައްޒަފުން ބައިވެރިވިއެވެ. މި ޕްރޮގްރާމްގައި ފަޔަރ އެވެއާނަސް ތިއަރީ ކުލާސްތަކާއި ޕްރެކްޓިކަލް ކުލާސްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިގޮތުން އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ކިޔަވައިދިނުމުގެ އިތުރުން އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ދީ އެ ތަކެތި އަމަލީ ގޮތުން ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދީފައި ވެއެވެ.
މޯލްޑިވިއަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހިންގި މި ޕްރޮގްރާމްގެ ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.
