ގދ. ފިޔޯރީގައި ގާއިމްކުރާ ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުން
ގދ. ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ، ދަޅުގައި މަސް ބަންދުކުރާ ކާރުހާނާގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.
މި މަޝްރޫޢު ފެށުމަށްޓަކައި ފިޔޯރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފް ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެންދާއިރު، ސަރުކާރުން ވަނީ މަޝްރޫޢުގެ ފަރުމާއަށް ބޮޑެތި އަދި މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ކުރިން ރޭވިފައި އޮތް 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ބަދަލުގައި، މިހާރުގެ ފަރުމާގައި ވަނީ އެ ކޯލްޑް ސްޓޯރޭޖް 3000 މެޓްރިކް ޓަނަށް އިތުރުކޮށްފައެވެ. މީގެ އިތުރުން ދުވާލަކަށް 100 ޓަނުގެ ދަޅުގައި މަސް ބަންދުކުރެވޭނެ ކާރުޚާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއް ވެސް މި މަޝްރޫޢުގެ ދަށުން ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްތައް، ކަނޑައަޅާފައިވާ މުއްދަތައް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން މި މަސައްކަތުގެ ކޮންޓްރެކްޓަރ ވަނީ ދެއްވާފައެވެ.
