ހިޔާ ޓަވަރު 5 ގައި ހިނގި އަލިފާނުގެ ހާދިސާގައި، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެއްޖެ
ހުޅުމާލޭގެ ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރު 5 ގައި ހިނގި އަލިފާނުގެ ހާދިސާގައި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެއްޖެއެވެ.
މި ހާދިސާގެ މަޢުލޫމާތު ރޭ 18:33 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. އެ ސަރަހައްދަށް ފަޔަރ ފައިޓަރުންދިޔައިރު އެ ޓަވަރުގައި ވަރަށް ބޮޑަށް ދުން ހުރުމުން އާއްމުން ރައްކާތެރި ހިސާބަށް ގެންދިއުމާއި ދުން ބޭރުކުރުމުގެ މަސައްކަތް ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ކޮށްފައެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ޓަވަރުގެ 9ވަނަ ފްލޯއާއި 14ވަނަ ފްލޯއާއި ދެމެދުގެ ވައިގޮޅީގައި ހުރި އެސީ އައުޓްޑޯއެއްގައެވެ. މި ހާދިސާގެ ސަބަބުން އެ ޓަވަރުގެ ވައި ގޮޅިގައި ހުންނަ ހޮޅިލައިނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.
