logo
banner image

އާމިނަތު ވަސީމާ: ވިޔަފާރީގެ ދާއިރާގައި ހުނަރުވެރިކަމާއި ހިތްވަރުގެ ނަމޫނާއެއް

ޏ. ފުވައްމުލަކަށް އުފަން އާމިނަތު ވަސީމާއަކީ މިއަދު ރާއްޖޭގެ ކޭކް އެންޑް ޕޭސްޓްރީ ދާއިރާގައި ފާހަގަކޮށްލެވޭ ފުންނާބު އުސް ޝަޚުޞިއްޔަތެކެވެ. "ކޭކް މާލަމް" ގެ ނަމުގައި އޭނާ ހިންގަމުން އަންނަ އަމިއްލަ ވިޔަފާރިއަކީ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަސައްކަތެކެވެ. މި ވިޔަފާރީގެ ދަށުން މައިގަނޑު ތިން ދާއިރާއަކުން ޚިދުމަތް ފޯރުކޮށްދެއެވެ. އެއީ ބްރެޑް ބޭކަރީ، ކޭކް ޑެކަރޭޝަން އެންޑް ޕޭސްޓްރީ، އަދި ރެސްޓޯރަންޓްގެ ޚިދުމަތެވެ.

ވަސީމާ މި ދާއިރާގައި 25 އަހަރު މަސައްކަތްކޮށްފައިވާ އިރު، މި މަސައްކަތުގެ އިތުރުން، އޭނާގެ އެންމެ ބޮޑު ޝައުޤުވެރިކަމެއް ހުންނަނީ މި ދާއިރާއިން އާ ޖީލެއް ބިނާކުރުމަށެވެ. މިހާތަނަށް އާމިނަތު ވަސީމާ ވަނީ ރާއްޖޭގެ 11 ރަށަކަށް ދަތުރުކޮށް، 700 އަށް ވުރެ ގިނަ ކުދިންނަށް މި މަސައްކަތް ދަސްކޮށްދީފައެވެ. އަދި ވަސީމާގެ އެންމެ ބޮޑު އެއް އަމާޒަކީ ސްކޫލް ނިންމާ ކުދިން މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުވުމެވެ. އެގޮތުން، ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި ސްކޫލް ކުދިންނަށާއި ސްކޫލް ނިންމާ އުމުރުގެ ކުދިންނަށް ޚާއްޞަކޮށްގެން ވެސް އޭނާ ވަނީ މި ދާއިރާއިން ގިނަ ތަމްރީނުތަކެއް ހިންގައިދީފައެވެ.

މިހާ ބުރަކޮށް ގިނަ މަސައްކަތް އެއްފަހަރާ ކުރާއިރު ވަގުތު މެނޭޖްކުރަނީ ކިހިނެއްތޯ ކުރި ސުވާލަށް ވަސީމާ ދޭ ޖަވާބު ވަރަށް ކުރެވެ. "ކިތަންމެ ގިނަ ކަންތައްތަކެއް ވެސް ކުރެވިދާނެ. އެމީހަކު އަމިއްލައަށް ވަގުތު ހޯދާނީ." ވަސީމާގެ މާޒީއަށް ބަލާއިރު އޭނާއަކީ ހަމައެކަނި ވިޔަފާވެރިއެއް ނޫނެވެ. އޭނާއަކީ 26 އަހަރު ވަންދެން ސަރުކާރަށް ޚިދުމަތްކުރި މުވައްޒަފެކެވެ. ވަޒީފާއިން ވަކިވީ މީގެ ހަ އަހަރު ކުރިންނެވެ. އޭރު އޭނާއަކީ ވަޒީފާއަށް ދަމުން، ގޭގެ ހުރިހާ ޒިންމާތަކެއް އުފުލައި، ކުދިން ސްކޫލަށާއި ޓިއުޝަނަށް ގެންދަމުން މި ހުރިހާ މަސައްކަތެއް ކުރި ހީވާގީ ކަނބަލެކެވެ.

ވަސީމާ ގަބޫލުކުރާ ގޮތުގައި ކުރާހިތްވާ ކަމެއް ކުރުމަށް އަބަދުވެސް ވަގުތު ލިބޭނެއެވެ. އޭނާގެ ދިރިއުޅުމުން ފެންނަނީ މަސައްކަތްތެރިކަމާއި، ހުނަރުވެރިކަމާއި، އަދި ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމުގެ ރީތި ނަމޫނާއެކެވެ.

ހުނަރުވެރިކަމާއި، ކެތްތެރިކަމާއި، ހިތްވަރުގެ މިސާލެއްގެ ގޮތުގައި ވަސީމާ ފާހަގަކުރެވެނީ އޭނާގެ މަސައްކަތްތަކުން އެކަންޏެއް ނޫނެވެ. އެއީ އޭނާ މިއަދުގެ އަންހެނުންނާއި އަންހެން ކުދިންނަށް ދޭ އަގުހުރި މެސެޖުންނެވެ.

އާމިނަތު ވަސީމާ ގަބޫލުކުރާ ގޮތުގައި އަންހެނުންނަކީ މުޖުތަމަޢެއްގެ އެންމެ މުހިންމު އެއް ތަނބެވެ. އޭނާ ދެކޭގޮތުގައި އާއިލާއެއްގެ ހަމަޖެހުމާއި، ތަރުބިއްޔަތާއި، އުފާވެރިކަން ބިނާވެފައިވަނީ އެ އާއިލާއެއްގައި ހުންނަ އަންހެންމީހާގެ ހަރުދަނާކަމުގެ މައްޗަށެވެ. ކޮންމެ އަންހެން ކުއްޖަކީވެސް ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ، ޒިންމާދާރު ކުއްޖަކަށް ވާންޖެހޭނެކަމަށް ވަސީމާ ޤަބޫލުކުރެއެވެ.

ވަސީމާގެ ދިރިއުޅުމުން ލިބޭ އެންމެ ބޮޑު އެއް ފިލާވަޅަކީ ހުނަރެއް ދަސްކުރުމުގެ މުހިންމުކަމެވެ. އޭނާ ބުނާ ގޮތުގައި މަސައްކަތެއް ދަސްވެފައި ހުރުމަކީ ދުވަހަކުވެސް މީހަކު ބާކީވެގެންދާނެ ކަމެއް ނޫނެވެ. ދިރިއުޅުމުގެ އޮއިވަރު ހުރި ގޮތަކުން ކޮންމެ ތަނެއްގައި އުޅެން ޖެހުނު ކަމުގައިވިޔަސް، އަމިއްލަ ހުނަރެއް ހުރި މީހަކަށް އެ ހުނަރުގެ ބޭނުން ހިފައިގެން އަބުރުވެރި ދިރިއުޅުމެއް އުޅެވިދާނެއެވެ.