"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 12 - 12.18 ދައުލަތުގެ އޮފީސްތަކުގެ މުދާ ބޭރަށް ގެންދިޔުމާއި ގެނައުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 12 "ދައުލަތުގެ މުދާ" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.
ދައުލަތުގެ އޮފީސްތަކުގެ މުދާ ބޭރަށް ގެންދިޔުމާއި ގެނައުން
12.18
(ހ) ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުންނަ ދައުލަތުގެ މުދަލެއް އެ އޮފީހެއްގެ ބޭނުމަކަށް ނުވަތަ އެހެން އޮފީހެއްގެ ބޭނުމަކަށް ނުވަތަ މަރާމާތުކުރުމަށް އޮފީހުން ބޭރަށް ގެންދަންވާނީ، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ ނުވަތަ މާލީ ޒިންމާދާރު ވެރިޔާ ކަނޑައަޅާ އެ އޮފީހެއްގެ އިސް މުވައްޒަފެއްގެ ހުއްދަ ލިބިގެންނެވެ. އަދި މިގޮތުން ގެންދާ މުދާ ގެންދިޔުމުގެ ކުރިން، ގެންދާ އެ މުދަލަކާއި، އެ މުދަލެއް ގެންދާ ތަނަކާއި، ހަވާލުވާ މީހަކާއި، އެ މުދަލެއް ގެންދާއިރު ހުރިގޮތާއި، މިފަދަ ބޭނުންތެރި އެނޫންވެސް މަޢުލޫމާތު، އެކަމަށް ކަނޑައަޅައިފައިވާ ފޮތެއް (އަނބުރާ ދައްކާގޮތަށް މުދާގެންދާ ފޮތް) ގައި ނުވަތަ އެކަމަށް ކަނޑައަޅައިފައިވާ ނިޒާމެއްގެ ދަށުން ރިކޯޑު ކުރަން ވާނެއެވެ. އަދި މިގޮތަށް ގެންދާ ތަކެތި އަނބުރާ ގެނައުމުން ގެނައިކަން ވެސް ރިކޯޑުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އޮފީހެއްގެ ބެލުމުގެ ދަށުގައި ހުންނަ މުދަލެއް ދޫކުރަންވާނީ، އެކަމަށް އެދޭ ފަރާތަކުން ލިޔުމެއް ފޮނުވުމުންނެވެ. އެ ލިޔުމުގައި، އެ އެއްޗެއް ގެންދާ ބޭނުމަކާއި، އަނބުރާ ގެންނާނެ ތާރީޚު އެނގެން އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދޫކުރި ތަކެތި، އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި އަނބުރާ ނުލިބިއްޖެނަމަ، ތަކެތި ގެންދިޔަ ފަރާތަށް ލިޔުމުން އެ ތަކެތި އަނބުރާ ހަވާލުކުރުމަށް އަންގަންވާނެއެވެ. މިގޮތުން ލިޔުމުން އެންގުމުން ވެސް އެ ތަކެތި ނުލިބިއްޖެނަމަ، މާލީ ޒިންމާދާރު ވެރިޔާ އެ މައްސަލަ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދޫކުރާ މުދާ އަނބުރާ ލިބޭއިރު، އިތުރު ގެއްލުމެއް ލިބިފައިވޭތޯ ބަލަންވާނެއެވެ. އަދި މިގޮތުން ބަލާއިރު އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، އެ މުދަލެއް ގެންދިޔަ ފަރާތުން ޒިންމާވާންވާނެއެވެ. އަދި ދެފަރާތުން ވާހަކަދައްކައިގެން އެ މައްސަލައަށް ޙައްލެއް ލިބޭތޯ މަސައްކަތް ކުރަންވާނެއެވެ. މިގޮތުން ޙައްލެއް ނުހޯދިއްޖެނަމަ، އެ މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅައިގެން މިނިސްޓްރީން ނިންމަންވާނެއެވެ.
