logo
banner image
ޞިއްޙީ ވުޒާރާ

ވިލިމާލޭ އައު ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށުމަށް ޗައިނާއާއެކު ސޮއިކޮށްފި

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި ތަރައްޤީކުރާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތްތައް ފެށުމަށް، އެކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ސޮއިކޮށްފިއެވެ..

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އެމްބަސީގެ ކައުންސެލަރ ޒެންގެ ޒޫ އެވެ.

ވިލިމާލޭގައި 112 އެނދުގެ މި ހޮސްޕިޓަލް ތަރައްޤީކުރަނީ ޓަރޝަރީ ފެންވަރަށެވެ. ހޮސްޕިޓަލް އިމާރާތްކުރަނީ 12،890 އަކަމީޓަރުގެ ސަރަޙައްދެއްގައެވެ.

މި ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް އަދި ކުއްލި ފަރުވާގެ ޚިދުމަތްތަކާއި ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ޚާއްޞަ ސަރަޙައްދުތަކާއި މެޑިކަލް ވޯޑުތަކުގެ އިތުރުން އިދާރީ އޮފީސްތައް ހިމެނޭނެއެވެ. އަދި ޓަރޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި މެޑިކަލް އިކުއިޕްމަންޓާއި ފަރުނީޗަރުވެސް މި މަޝްރޫޢުގެ ދަށުން ޗައިނާ ސަރުކާރުން ފޯރުކޮށްދޭނެއެވެ.

މި މަޝްރޫޢަކީ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫޢެކެވެ.

މި މަސައްކަތުގެ ޑިޒައިންގެ މަސައްކަތްތަކާއި ސަރވޭގެ މަސައްކަތްތައް ކުރިއަށްގެންދިޔައީ މިދިޔަ އަހަރުއެވެ.

ވިލިމާލޭގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތްކޮށް ހިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" މަޝްރޫޢަކީ ދެ ޤައުމުގެ ދެމެދުގައިވާ ޚާރިޖީ ގުޅުން އައު ހަރުފަތްތަކަކަށް ގެންދާނެ އަދި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ގެ ކުރިއެރުމަށް އިސްތިރާޖީ މުހިއްމު ބިނާއެކެވެ. މިއީ ދިވެހިރާއްޖޭގެ އާންމު ޞިއްޙަތު ހަރުދަނާކޮށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ އިތުރު ކުރިއެރުކެވެ.