ހާލު ކިހިނެއް ޕްރޮގްރާމްގެ ތެރެއިން 17000 ގޭބިސީއަށް ޒިޔާރަތް ކުރެވިއްޖެ: ވަޒީރު ޑރ އާއިޝަތު ޝިހާމް
ހާލު ކިހިނެއް ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 17000 ގޭބިސީއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު، ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ގެނެސްދެއްވާ "ތަރުޖަމާނާ އެކު" އެޕިސޯޑް 3 ގައިވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، މި ޕްރޮގްރާމުގެ ތެރެއިން ދިމާވާ ފަރާތްތަކުގެ ހާލަތު އަބަދުވެސް ގާތުން ބައްލަވަމުން ގެންްދަވާ ކަމުގައިވެސް ވަޒީރުގެވާހަކަފުޅުގައި ވަނީ ފާހަގަރައްވާފައެވެ.
"ހާލު ކިހިނެއް؟" ޕްރޮގްރާމަކީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ފުރިހަމަކޮށް، ރައްޔިތުންގެ ޙާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މި ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މަޤްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ.
މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ދައުލަތުގެ އެހެން މުވައްސަސާތަކާއި ކަމާ ގުޅުންްހުރި އެހެނިހެން އިދާރާތްތަކާއި ވަރަށް ގާތުން މަސައްކަތްކުރައްވާ ކަމުގައިވެސް ވަޒީރު ވަނީ ވިދާޅުވެފައެެވެ.
