"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 10 - 10.61 އެޑްވާންސަށް ފައިސާ ދިނުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 10 "ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.
އެޑްވާންސަށް ފައިސާ ދިނުން
10.61
(ހ) މަސައްކަތުގެ އަގާއި ޚިދުމަތުގެ އަގާއި (ކޮންސަލްޓެންސީ ފިޔަވައި) ތަކެތި ގަތުމުގެ ބީލަމުގެ ޖުމުލަ އަގު، މި ގަވާއިދުގެ ޖަދުވަލު 1 ގެ 6 ވަނަ ނަންބަރުގައިވާ ތާވަލުގެ 2 ވަނަ ނަންބަރުގައިވާ މިންވަރަށްވުރެ ބޮޑުނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެޑްވާންސަށް ފައިސާ ދެވިދާނެއެވެ. އަދި މިފަދައިން އެޑްވާންސަށް ފައިސާ ދޫކުރެވޭނީ، އެންމެ ފަހަރަކުއެވެ.
(1) މަސައްކަތް ނުވަތަ ޚިދުމަތް (ކޮންސަލްޓެންސީ ފިޔަވައި) ނުވަތަ ތަކެތި ފޯރުކޮށްދިނުމަށް ހަވާލުވާ ފަރާތުން، ހަވާލުވާތާ އެންމެ ގިނަވެގެން، 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމަށް އެދިއްޖެނަމަ، ޖުމުލަ އަގުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުނުވާ އަދަދަކަށް ފައިސާ ދޫކުރުން؛
(2) އެޑްވާންސްގެ ގޮތުގައި ދެވޭ ފައިސާގެ އަދަދު ހަމަވަންދެން ހުށަހަޅާ ބިލުތަކުން، އެޑްވާންސް ފައިސާ ދީފައިވާ ނިސްބަތަށްވުރެ މަދުނުވާނޭހެން ކެނޑުން.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ %15 (ފަނަރަ އިންސައްތަ) އަށްވުރެ އިތުރަށް އެޑްވާންސަށް ފައިސާ ދޫކުރުމަށް އެދިފައިވާނަމަ، އެ ހާލަތުގައި އެޑްވާންސަށް ފައިސާ ދޫކުރެވޭނީ، މިނިސްޓަރަށް ލިޔުމުން ހުށަހަޅައި، މިނިސްޓަރު ލިޔުމުން ދޫކުރާ ހުއްދަޔާއެކުގައެވެ.
(ނ) އެއްފަހަރާ ފައިސާ ދައްކައިގެން ނޫނީ ލިބެންނެތް މުދަލާއި ޚިދުމަތް ހޯދަންވާނީ، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާގެ ހުއްދަޔާއެކުގައެވެ. ނަމަވެސް، މި ގަވާއިދުގެ ޖަދުވަލު 1 ގެ 1 ވަނަ ނަންބަރުގައިވާ ތާވަލުގައިވާ ދަރަޖަ 2 ގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ ފައިސާގެ އަދަދު ބޮޑުނަމަ، މިނިސްޓަރަށް ލިޔުމަކުން ހުށަހަޅައި، އެކަމަށް ޓަކައި މިނިސްޓަރުގެ ހުއްދަ ލިޔުމުން ހޯދަންވާނެއެވެ.
(ރ) މަސައްކަތް ކޮށްދޭ، ނުވަތަ ޚިދުމަތް (ކޮންސަލްޓެންސީ ފިޔަވައި) ނުވަތަ ތަކެތި ފޯރުކޮށްދޭ ފަރާތަށް އެޑްވާންސް ފައިސާ ދޭނީ، އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް އެ ފަރާތަކުން ހުށަހެޅުމުންނެވެ. މި އެޑްވާންސް ޕޭމަންޓް ގެރެންޓީ ވާންޖެހޭނީ، ދިވެހިރާއްޖޭގެ ކަމާބެހޭ ޤާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން، ނުވަތަ އެފަދަ ފަރާތަކާއެކު ކޮރެސްޕޮންޑިން ބޭންކިންގ އެރޭންޖްމަންޓެއް ހަދައިފައިވާ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން އެ ކަމަކަށް ދޫކޮށްފައިވާ ގެރެންޓީއަކަށެވެ.
(ބ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަވާލުކުރާ މަޝްރޫޢުތަކުގައި، މި މާއްދާގެ (ރ) އަށް ޢަމަލުކުރުން އިސްތިސްނާ ކުރެވޭނީ، މިނިސްޓަރަށް ހުށަހަޅައި، މިނިސްޓަރުގެ ހުއްދަ ލިޔުމުން ހޯދައިގެންނެވެ.