"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 10 - 10.58 މުދާ ބަލައިގަތުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 10 "ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.
މުދާ ބަލައިގަތުން
10.58
(ހ) އޯޑަރުކުރެވުނު ތަކެތި އޮފީހަށް ލިބުމުން، އެ ތަކެއްޗާ ހަވާލުވާ ފަރާތުން (ސްޓޮކް ބަލަހައްޓާ ފަރާތުން) ތަކެތި ގަތުމަށް އޯޑަރުކުރި ފޯމުގައިވާ ތަކެތި ހަމަޔަށް ހުރިތޯ ބަލައި، އެއްވެސް އުނިއިތުރެއްވާނަމަ، އެކަން އެނގޭނޭގޮތަށް ނޯޓުކޮށް، ފެންވަރު ދެރަ ތަކެތި، ނުވަތަ ކަމުނުދާ ތަކެތި، ނުވަތަ ހަލާކުވެފައިވާ ތަކެތި، ނުވަތަ މުއްދަތު ހަމަވެފައިވާ ތަކެތި، ނުވަތަ މުއްދަތު ހަމަވާން ކައިރިވެފައިވާ ތަކެތި ހުރިނަމަ، އެކަންވެސް އެނގޭނޭގޮތަށް، ތަކެތި ގަތުމަށް އޯޑަރުކުރި ފޯމުގައި ލިޔެ ސޮއިކުރަންވާނެއެވެ. އަދި އެއްވެސް އުނިއިތުރެއް ނެތްނަމަ، ނުވަތަ ފެންވަރު ދެރަ ތަކެތި، ނުވަތަ ކަމުނުދާ ތަކެތި، ނުވަތަ ހަލާކުވެފައިވާ ތަކެތި، ނުވަތަ މުއްދަތު ހަމަވެފައިވާ ތަކެތި، ނުވަތަ މުއްދަތު ހަމަވާން ކައިރިވެފައިވާ ތަކެތި ނެތްނަމަ، ތަކެތި ހަމަޔަށް ލިބުނުކަމަށް، ތަކެތި ގަތުމަށް އޯޑަރުކުރި ފޯމުގައި ލިޔެ، ތަކެއްޗާ ހަވާލުވާ ފަރާތުން ސޮއިކުރަންވާނެއެވެ.
(ށ) އޯޑަރުކުރި ތަކެތި އޮފީހަށް ބަލައިގަންނައިރު، އެ ތަކެތީގެ ތެރޭގައި ކަމުނުދާ ތަކެތި، ނުވަތަ އޯޑަރުކުރި ފެންވަރަށްވުރެ ދެރަ ތަކެތި ހުރިކަން ވަގުތުން ފާހަގަކުރެވުނުނަމަ، އޮފީހުން ހަވާލުވާންވާނީ، ރަނގަޅަށް ހުރި ތަކެއްޗާއެވެ. އަދި ބަލައިނުގަނެވޭ ތަކެތި އަނބުރާ ފޮނުވައިލުމަށްފަހު، އެ އަދަދަށް ރަނގަޅު ތަކެތި ގެނުވަންވާނެއެވެ.