logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 10 - 10.50 ޕްރޮކިއުމަންޓާބެހޭ މަޢުލޫމާތު ރައްކައުކޮށް ބެލެހެއްޓުމާއި ނައްތައިލުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 10 "ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

ޕްރޮކިއުމަންޓާބެހޭ މަޢުލޫމާތު ރައްކައުކޮށް ބެލެހެއްޓުމާއި ނައްތައިލުން

10.50

(ހ) ދައުލަތުގެ އޮފީސްތަކުން ކުރިޔަށްގެންދާ ޕްރޮކިއުމަންޓާބެހޭ ކަންތައްތަކުގެ ހުރިހާ މަޢުލޫމާތާއި، ކޮންޓްރެކްޓް ހިންގާ ބެލެހެއްޓުމުގެ މަޢުލޫމާތު އެ ތަނަކުން ރަނގަޅަށް ބަލަހައްޓަންވާނެއެވެ.

(ށ) ޕްރޮކިއުމަންޓާބެހޭ މަޢުލޫމާތާއި ރިކޯޑުތައް ނައްތައިލަންވާނީ، މި ގަވާއިދުގެ 6.25 ވަނަ މާއްދާއާއި 6.27 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ. މިފަދަ ލިޔުންތަކަށް ވީ މުއްދަތު ބަލަން ފަށާނީ، ތިރީގައިމިވާ ހާލަތްތައް ނިމޭ ދުވަހާ ޖެހިގެން އަންނަ ދުވަހުން ފެށިގެންނެވެ.

(1) ކޮންޓްރެކްޓެއް ނިމުމުން ނުވަތަ އުވައިލުމުން؛

(2) ޕްރޮކިއުމަންޓުގެ މަސައްކަތެއް ކުރިޔަށްގެންދިޔުން ހުއްޓައިލުމަށް ނިންމުމުން؛

(3) ކޮންޓްރެކްޓެއްގެ ދަށުން އުފެދިފައިވާ ދެބަސްވުމެއް ޙައްލުވުމުން؛

(4) ހުށަހެޅިފައިވާ މައްސަލައަކާ ގުޅޭގޮތުން ނުވަތަ ޝަކުވާއަކާ ގުޅޭގޮތުން ބަލާ މައްސަލައެއް ނިންމުމުން.

(ނ) ޕްރޮކިއުމަންޓާ ގުޅޭ ރިކޯޑުގެ ގޮތުގައި ބެލެވޭ ލިޔުންތައް ކަމުގައި ވާންވާނީ، އެކަމުގައި ޢަމަލުކުރުމަށް ކަނޑައަޅައިފައިވާ ގޮތްތަކާއި އިރުޝާދުތަކާ އެއްގޮތަށް ހުންނަ ލިޔުންތަކާއި ޑޮކިއުމަންޓްތަކެވެ. އެފަދަ ރިކޯޑުގެ ގޮތުގައި ހުންނަންވާނެކަމަށް ބެލެވޭ ލިޔުންތައް، ތިރީގައި މިވަނީއެވެ.

(1) ޕްރޮކިއުމަންޓުގެ ކަންކަމުގައި ބޭނުންކުރާ މުހިންމު ކަރުދާސްތަކުގެ ތެރޭގައި ހިމެނޭ ދަޢުވަތުދިނުމުގެ ލިޔުމާއި، އެންގުންތަކާއި، ލިބިފައިވާ ބީލަންތަކާއި، ވަޒަންކޮށްފައިވާ ރިޕޯޓުތަކާއި، ބީލަން ގަބޫލުކުރިކަމުގެ ސިޓީއާއި، އެއްބަސްވުމުގެ ލިޔުންތަކާއި، އެއްބަސްވުމަށް ބަދަލެއް ގެނެސްފައިވާނަމަ އެ ލިޔުން؛

(2) ޕްރޮކިއުމަންޓާ ގުޅޭ ފަރާތްތަކުގެ މަޢުލޫމާތާއި، ބާއްވައިފައިވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ؛

(3) ހުއްދަދިނުމުގެ އިޚުތިޔާރު ދީފައިވާ ފަރާތްތަކުގެ ނިންމުންތަކާއި، އެ ބީލަމާ ގުޅޭ އެހެނިހެން ހުއްދަތައް.