"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 10 - 10.49 އެއްބަސްވުމަށް ބަދަލުގެނައުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 10 "ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.
އެއްބަސްވުމަށް ބަދަލުގެނައުން
10.49
(ހ) އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، ނުވަތަ އެއްބަސްވުން އުވައިލަން ޖެހިއްޖެނަމަ، އެ އޮފީހުގެ އެންމެ އިސްވެރިޔާ ނުވަތަ އެންމެ އިސްވެރިޔާ ކަނޑައަޅާ ފަރާތެއްގެ ހުއްދަ ހޯދަންވާނެއެވެ. މި ހުއްދައިގެ އިތުރުން، އެއްބަސްވުމުގެ އަގަށް ނުވަތަ މުއްދަތަށް ބަދަލެއް އަންނަނަމަ، މި މާއްދާގެ (ނ) އާއި (ރ) ގެ ދަށުން ހުއްދަ ހޯދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެއްބަސްވުމަށް ގެނައުމަށް ނިންމައިފައިވާ ބަދަލުގެ ސަބަބުން، އެ އެއްބަސްވުމުގެ އަގަށް ބަދަލެއް އަންނާނެކަމަށް ފެންނަނަމަ، އަދި އެ ބަދަލާ ގުޅުވައިގެން އެ އޮފީހުން އިތުރު ޚަރަދެއް ކުރަންޖެހޭނަމަ، އެ އެއްބަސްވުން އިޞްލާޙުކުރުމުގެ ކުރިން، އެ ޚަރަދެއް އެ އޮފީހެއްގެ ބަޖެޓުން ހަމަޖެއްސޭނެކަން، މާލީ ޒިންމާދާރު ވެރިޔާ ކަށަވަރު ކުރަންވާނެއެވެ.
(ނ) ޢަމަލުކުރަމުންދާ އެއްބަސްވުމުގެ މައިގަނޑު ސްކޯޕް ބަދަލުނުވާނެ ގޮތަކަށް، އެއްބަސްވުމުގެ އަގަށް އަންނަ ބަދަލުތަކަށް ހުއްދަ ދޭނީ، އަންނަނިވި ގޮތުގެ މަތީންނެވެ.
(1) އެއްބަސްވުން އެވޯޑުކުރި ޖުމުލަ އަގުގެ %15 (ފަނަރަ އިންސައްތަ) އާ ހަމަޔަށް އަގު އިތުރުކުރުމަށް ހުއްދަ ދެވޭނީ، އެ އެއްބަސްވުމެއް ސޮއިކޮށްފައިވާ ދައުލަތުގެ އޮފީހެއްގެ ބިޑް ކޮމިޓީއަށެވެ.
(2) އެއްބަސްވުން އެވޯޑުކުރި ޖުމުލަ އަގުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ އިތުރުވާނަމަ ހުއްދަ ދެވޭނީ، ނޭޝަނަލް ޓެންޑަރ ބޯޑަށެވެ.
(3) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް،ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ޓެކުހުގެ ރޭޓަށް އަންނަ ބަދަލާ ގުޅިގެން އެއްބަސްވުމުގެ އަގުގައި ހިމަނައިފައިވާ ޓެކުހުގެ އިންސައްތައަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، އެއްބަސްވުން އިޞްލާޙުކުރުމަށް އެ އޮފީހުގެ އެންމެ އިސްވެރިޔާ ނުވަތަ އެންމެ އިސްވެރިޔާ ކަނޑައަޅާ ފަރާތަކަށް ހުއްދަ ދެވިދާނެއެވެ.
(ރ) ޢަމަލުކުރަމުންދާ އެއްބަސްވުމުގެ މައިގަނޑު ސްކޯޕް ބަދަލުނުވާނެ ގޮތަކަށް، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ދައުލަތުގެ އޮފީހެއްގެ ބިޑް ކޮމިޓީއަށް އެ އެއްބަސްވުން އެވޯޑުކުރި މުއްދަތު އިތުރުކުރުމަށް ހުއްދަ ދެވިދާނެއެވެ. ނަމަވެސް، ކޮންޓްރެކްޓަރުގެ އިހުމާލުން ހިނގާ ކަމަކަށް މުއްދަތު އިތުރުކޮށްދީގެން ނުވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްބަސްވުމުގެ އަގަށް ގެންނަ ބަދަލަކާ ގުޅިގެން މުއްދަތަށް އެއްވެސް ބަދަލެއް ގެންނަނަމަ، މުއްދަތަށް ގެންނަ ބަދަލަށް ހުއްދަ ދޭނީ، މި މާއްދާގެ (ނ) ގައި އަގަށް ބަދަލު ގެނައުމުގެ ހުއްދަ ދިނުމަށް ދަރަޖަކުރެވިފައިވާ ފަރާތުންނެވެ. އަދި އެއްބަސްވުމުގެ މުއްދަތަށް ގެންނަ ބަދަލާ ގުޅިގެން އެއްބަސްވުމުގެ އަގަށް އެއްވެސް ބަދަލެއް އަންނަނަމަ، މުއްދަތަށް ގެންނަ ބަދަލަށް ވެސް ހުއްދަ ދޭނީ، މި މާއްދާގެ (ނ) ގައި އަގަށް ބަދަލު ގެނައުމުގެ ހުއްދަ ދިނުމަށް ދަރަޖަ ކުރެވިފައިވާ ފަރާތުންނެވެ.
(ޅ) އެއްބަސްވުމަށް ގެންނަ ބަދަލަކީ އެވޯޑުކޮށްފައިވާ މައިގަނޑު ސްކޯޕުގެ ތެރެއިން ގެންނަ ބަދަލެއްކަން، ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފަރާތުންނާއި ހުއްދަ ދޭ ފަރާތުން ވެސް ޔަގީން ކުރަންވާނެއެވެ.
(ކ) މި މާއްދާގެ (ނ) ގެ ދަށުން އެއްބަސްވުމަކަށް ބަދަލު ގެނައުމަށް ހުއްދަ ދިނުމުގެ ކުރިން، އެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ދައުލަތުގެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ، އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
(1) ދައުލަތުގެ އޮފީހަކުން ޢަމަލުކުރަންޖެހޭ ބަޖެޓުގެ އެއްބައިން އަނެއް ބަޔަށް ބަދަލުކުރުމުގެ އުސޫލުތަކާ ތަޢާރަޟު ނުވާނެކަން ޔަގީންކުރުން؛
(2) ވޭރިއޭޝަނަށްވާ ފައިސާ ދައުލަތުގެ އޮފީހެއްގެ ބަޖެޓުން ހަމަޖެއްސުމާ ގުޅުވައިގެން، ބަޖެޓުން އެ އަހަރަކަށް ކުރުމަށް ކަނޑައަޅައިފައިވާ އެހެން ކަންތައްތަކަށް އަންނާނެ ބަދަލު ބަޔާންކުރުން.
(އ) އެއްބަސްވުމަށް ގެންނަ ބަދަލެއްގެ ސަބަބުން އެއްބަސްވުމުގެ އަގަށް ނުވަތަ މުއްދަތަށް ބަދަލެއް އަންނަނަމަ، އެއްބަސްވުމުގައި ސޮއިކުރާ ދައުލަތުގެ އޮފީހަކުން އެއްބަސްވުމަށް އެ ބަދަލެއް ގެންނަތާ، ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި، ދައުލަތުން މިފަދަ ކަންތައްތައް ޝާއިޢުކުރުމަށް ކަނޑައަޅައިފައިވާ ވެބްސައިޓެއްގައި ނުވަތަ އެ އޮފީހެއްގެ ވެބްސައިޓުގައި އާންމުކޮށް ޝާއިޢުކުރަންވާނެއެވެ.