logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 10 - 10.48 ކޮންޓްރެކްޓްތައް ހިންގުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 10 "ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

ކޮންޓްރެކްޓްތައް ހިންގުން

10.48

ދައުލަތުގެ އޮފީސްތަކުން ހަވާލުކޮށް ހިންގާ ކޮންޓްރެކްޓްތައް ހިންގާއިރު، އަންނަނިވި ކަންތައްތައް ފުރިހަމަކުރަންވާނެއެވެ.

(ހ) މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބަލައި، ފަންނީ ނިންމުންތައް ނިންމުމަށް، ކޮންޓްރެކްޓް މެނޭޖަރެއް ނުވަތަ ކޮންޓްރެކްޓް މެނޭޖަރުން ކަނޑައަޅަންވާނެއެވެ.

(ށ) ކޮންމެ މަހެއް ނިމުމުން، މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ ގޮތުގެ ޕްރޮގްރެސް ރިޕޯޓެއް، ފެށޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ތައްޔާރުކުރަންވާނެއެވެ. މި ރިޕޯޓު ތައްޔާރުކުރާނީ، އެ ކޮންޓްރެކްޓް ހިންގުމާ ހަވާލުވެހުންނަ ކޮންޓްރެކްޓް މެނޭޖަރެވެ. މި ރިޕޯޓުގައި، އެހައިތަނަށް މަސައްކަތް ނިންމައިފައިވާ ހިސާބާއި، ކޮށްފައިވާ ޚަރަދާއި، ދަތިކޮށް ދިމާވެފައިވާ ކަންތައްތައް ނުވަތަ ދިމާވެދާނެ ކަންތައްތަކާއި، ޙައްލުކުރުމަށް ކޮށްފައިވާ މަސައްކަތްތައް ނުވަތަ ޙައްލުކުރުމަށް ކަނޑައަޅާ ގޮތްތަކާއި، މިނިސްޓްރީން ކަނޑައަޅާ އެހެނިހެން މަޢުލޫމާތު ހިމަނަންވާނެއެވެ.

(ނ) މަސައްކަތާ ގުޅޭގޮތުން ނިންމައިފައިވާ ނިންމުންތަކާއި އެހެނިހެން ލިޔެކިޔުންތައް، މި ގަވާއިދުގެ 10.50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބަލަހައްޓަންވާނެއެވެ.

(ރ) ކޮންޓްރެކްޓާ ގުޅޭ ތަފުސީލުތައް، ދައުލަތުން ހިންގާ ކޮންޓްރެކްޓްތަކުގެ މަޢުލޫމާތު ބަލަހައްޓާ ނިޒާމަށް، އެ ކޮންޓްރެކްޓް ހިންގުމާ ހަވާލުވެ ހުންނަ ކޮންޓްރެކްޓް މެނޭޖަރު، ގަވާއިދުން އަދާހަމަ ކުރަންވާނެއެވެ. މި މަސައްކަތް ކުރަންވާނީ، ދައުލަތުގެ އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާގެ ބެލުމުގެ ދަށުންނެވެ.