logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 10 - 10.46 ކޮންޓްރެކްޓް ހަވާލުކުރުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 10 "ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

ކޮންޓްރެކްޓް ހަވާލުކުރުން

10.46

(ހ) ކޮންޓްރެކްޓް ހަވާލުކުރެވޭނެ ގޮތް، ކޮންމެ ދަޢުވަތު ކަރުދާހެއްގައި ވެސް ބަޔާންކޮށްފައި އޮންނަންވާނެއެވެ. ދަޢުވަތު ކަރުދާހުގައި ހިމަނަންޖެހޭނެ ބައިތައް، ތިރީގައި މިވަނީއެވެ.

(1) ލިޔުމުން ތައްޔާރުކޮށްފައިވާ ޑްރާފްޓް އެއްބަސްވުމެއް އޮތުން؛

(2) ގަބޫލުކުރިކަމުގެ ސިޓީ އެ ފަރާތަށް ނުވަތަ ޓެންޑަރ ހުށަހެޅި ފަރާތުގެ އެޑްރެހަށް ރައްދުކުރެވޭނެކަން ބަޔާންކޮށްފައި އޮތުން.

(ށ) އެއްބަސްވުމުގެ ލިޔުން، ޕަރޗޭސް އޯޑަރ، ގަބޫލުކުރިކަމުގެ ސިޓީ ނުވަތަ މުޢާމަލާތުކުރެވޭނެ އެހެން ވަސީލަތަކުން ނަމަވެސް މިފަދަ ކަމެއް، ތިރީގައިވާ ހާލަތްތަކުގެ ކުރިން އަންގައިގެން ނުވާނެއެވެ.

(1) މި ގަވާއިދުގެ 10.05 ވަނަ މާއްދާގައިވާ ފަދައިން، ހުއްދަދިނުމަށް ކަނޑައެޅިފައިވާ ފަރާތުން ކޮންޓްރެކްޓް ހަވާލުކުރުމަށް ނިންމުން؛

(2) ޕްރޮކިއުމަންޓުގެ އިދާރީ ކަންތައްތައް އަލުން ބަލަން ނުޖެހޭނެކަން ޔަގީންވުން؛

(3) އެއްބަސްވުމުގައިވާ ފައިސާ ލިބޭނެކަން ޔަގީންވުން؛

(4) އެހެން ފަރާތެއްގެ ހުއްދަ ބޭނުންވާ ކަމެއްނަމަ، އެ ހުއްދަ ލިބުން.

(ނ) ކޮންޓްރެކްޓް ހަވާލުކުރުމަށް ޓަކައި އެކުލަވައިލާ އެއްބަސްވުމުގައި ހިމަނަންވާނީ، އެ ބީލަމަކަށް ދޫކުރި ބީލަން ކަރުދާހުގައި ނުވަތަ މަޢުލޫމާތު ކަރުދާހާއެކު ހިމަނައިފައިވާ ނުވަތަ ބަޔާންކޮށްފައިވާ ޝަރުޠުތަކެވެ. އަދި މި ގަވާއިދުގެ 10.44 ވަނަ މާއްދާއާ އެއްގޮތަށް ކޮންޓްރެކްޓް ނެގޯޝިއޭޓް ކޮށްގެން، ޝަރުޠަކަށް ބަދަލެއް ގެނައުމަށް އެއްބަސްވެފައިވާނަމަ، އެ ބަދަލެއް ވެސް ހިމަނަންވާނެއެވެ. ނަމަވެސް، މިގޮތަށް ބީލަމުގެ މައިގަނޑު ޝަރުޠަކަށް ބަދަލެއް ގެނެސްގެން ނުވާނެއެވެ.

(ރ)މަސައްކަތެއް ކުރުވަންވާނީ، އެ މަސައްކަތެއްގެ ފެންވަރާއި އަގާ ބެހޭގޮތުން ދެފަރާތުން އެއްބަސްވާ އެއްބަސްވުމެއްގައި ސޮއިކޮށްގެންނެވެ. އަދި ޚިދުމަތެއްގެ ނުވަތަ ތަކެތީގެ އަގު، މި ގަވާއިދުގެ ޖަދުވަލު 1 ގެ 1 ވަނަ ނަންބަރުގައިވާ ތާވަލުގެ ތެރެއިން ދަރަޖަ 2 އަށް ފެތޭ މިންވަރަށްވުރެ ބޮޑުނަމަ، އެ ކަމެއް ކުރުވަންވާނީ، އެންމެ މަދުވެގެން ވެސް، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ބައިތައް ހިމަނައިގެން ދެފަރާތުން އެއްބަސްވާ އެއްބަސްވުމެއްގައި ސޮއިކޮށްގެންނެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

(1) މަސައްކަތްކުރާ ފަރާތް ނުވަތަ ޚިދުމަތްދޭ ފަރާތާއި، މަސައްކަތް ކުރުވާ ފަރާތް ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތުގެ ނަން؛

(2) އެ ކަމެއްގެ ބާވަތާއި، ތަފުސީލު؛

(3) އެއްބަސްވެފައިވާ މުއްދަތު؛

(4) އެއްބަސްވެފައިވާ މުއްދަތަށް ނުނިމިއްޖެނަމަ، ޖޫރިމަނާގެ ގޮތުގައި ފައިސާ ކަނޑާނެ ގޮތް؛

(5) ބޭނުންވާ ތަކެތި ހޯދައިދިނުމުގައި އެއްބަސްވެފައިވާ ގޮތް؛

(6) ނިންމަންވީ ގޮތާއި ފެންވަރު؛

(7) އެއްބަސްވުމުގެ މާއްދާއަކާ ޚިލާފުވެއްޖެނަމަ ޢަމަލުކުރާނެ ގޮތް؛

(8) އެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެ ގޮތް؛

(9) އެކަށީގެންވާ އަވަސްމިނެއްގައި ކުރިޔަށް ނުދާނަމަ، އަޅާނެ ފިޔަވަޅު؛

(10) ވަކި ކަމަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނަމަ، އެ ކަމެއް ބަޔާންކުރުން؛

(11) އަގާއި، އަގު އަދާކުރާނެ ގޮތް؛

(12) ސެކިއުރިޓީ ނުވަތަ ގެރެންޓީއެއް ހޯދާނަމަ، އެ ސެކިއުރިޓީ ނުވަތަ ގެރެންޓީގެ ތަފުސީލާއި، އެ ސެކިއުރިޓީ ނުވަތަ ގެރެންޓީދޭ ފަރާތާއި ލިބޭ ފަރާތުގެ ތަފުސީލާއި، ސެކިއުރިޓީއާއި ކޮންޓްރެކްޓަރަށް ގެރެންޓީ އަނބުރާ ދޫކުރުމުގައްޔާއި އޭގެ މުއްދަތު އިތުރުކުރަންޖެހޭ ހާލަތުގައި ޢަމަލުކުރާނެގޮތް؛

(13) މި ގަވާއިދުގެ 10.61 ވަނަ މާއްދާގެ ދަށުން އެޑްވާންސް ފައިސާ ދޫކުރަންޖެހޭ އެއްބަސްވުންތަކުގައި އެ ފައިސާދޭނެ ގޮތާއި، އެ ފައިސާ އަގުން ކަނޑާނެ ގޮތް؛

(14) މި ގަވާއިދުގެ 10.62 ވަނަ މާއްދާގެ ދަށުން، ރިޓެންޝަން ފައިސާ ކަނޑަންޖެހޭ އެއްބަސްވުންތަކުގައި ރިޓެންޝަން ފައިސާ ކަނޑާނެ ގޮތާއި، ފައިސާ ބަހައްޓާނެ މުއްދަތު.

(15) ދައުލަތުގެ އޮފީސްތަކުން މަސައްކަތް ކުރުވުމަށާއި، ޚިދުމަތް ހޯދުމަށާއި، ތަކެތި ގަތުމަށް ސޮއިކުރާ އެއްބަސްވުންތަކުގެ ދަށުން އުފެދޭ ޚުޞޫމާތެއްގެ ސަބަބުން ދައުލަތުން ބަދަލެއް ދޭންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެއްބަސްވުމުގެ ދަށުން ބަދަލުގެ ގޮތުގައި ދެވޭނެ އެންމެ މަތީ މިންވަރަކީ އެއްބަސްވުމުގެ އަގުކަމުގައި ކަނޑައަޅާ މާއްދާއެއް އެއްބަސްވުމުގައި ހިމެނުން.

(ޅ) ދައުލަތުގެ އޮފީސްތަކަށް ބޭނުންވާ ޚިދުމަތްތައް ހޯދުމުގައި، އެގްރީމެންޓުގެ މުއްދަތު ހަމަވުމުގެ 2 (ދޭއް) މަސްދުވަހުގެ ކުރިން ނުވަތަ އެ ޚިދުމަތެއް މެދުނުކެނޑި ގެންދެވޭނެ ވަގުތު އޮއްވައި އެފަދަ ޚިދުމަތް ހޯދުމަށް އަލުން އިޢުލާނު ކުރަންވާނެއެވެ.