logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 10 - 10.45 އެންމެ ރަނގަޅު ޓެންޑަރ ހޮވުމާއި، ކޮންޓްރެކްޓް ހަވާލުކުރުމަށް ނިންމުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 10 "ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

އެންމެ ރަނގަޅު ޓެންޑަރ ހޮވުމާއި، ކޮންޓްރެކްޓް ހަވާލުކުރުމަށް ނިންމުން

10.45

(ހ) އެންމެ ރަނގަޅު ޓެންޑަރ ހޮވުމުގައި ބަލަންވާނީ، އެ ބީލަން ވަޒަންކުރުމަށް ދަޢުވަތު ކަރުދާހުގައި ކަނޑައެޅިފައިވާ ގޮތްތަކަށެވެ.

(ށ) ކޮންޓްރެކްޓް ހަވާލުކުރުމަށް ނިންމަންވާނީ، އެ ބީލަން ވަޒަންކުރުމުގެ ރިޕޯޓުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން، ހުއްދަދިނުމަށް ކަނޑައެޅިފައިވާ ފަރާތުން ހުއްދަ ލިބުމުންނެވެ.

(ނ) އެންމެ ރަނގަޅު ޓެންޑަރ ކަނޑައެޅުމަކުން ނުވަތަ ހޮވުމަކުން، ދެފަރާތުން އެއްބަސްވުމެއް ހެދުނީކަމަށް ބަލައިގެން ނުވާނެއެވެ. ނަމަވެސް، އެ ފަރާތަކަށް އެ ކަމެއް ހަވާލުކުރުމަށް ނިންމީކަމަށް ބެލެވިދާނެއެވެ.

(ރ) ކޮންޓްރެކްޓް ހަވާލުކުރަން ނިންމަންވާނީ، ކޮންޓްރެކްޓް ލިބޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް އޮތް ނަމަ، އެ ފައިސާއެއް ދައްކައި ޚަލާޞްކޮށްފައިވާކަން ނުވަތަ އެ ފައިސާ ދެއްކުމަށް ދައުލަތާއެކު އިތުރު އެއްބަސްވުމެއް ހަދައި، އެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރަމުންދާ ފަރާތެއްކަން، ލިޔުމުން ކަށަވަރު ކުރުމަށްފަހުގައެވެ.

(ބ) ބީލަން ކާމިޔާބުކުރި ފަރާތަށް ކޮންޓްރެކްޓް ހަވާލުކުރުމަށް ނިންމުމުން، އެ ބީލަމެއް ކާމިޔާބުކުރި ފަރާތަށް ކޮންޓްރެކްޓް ހަވާލުކުރަން ގަސްތުކުރާކަން ("ނޯޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް") އެ ފަރާތަކަށް ފޮނުވަންވާނެއެވެ. އަދި ދެ މަރުޙަލާއަކަށް ބަހައިލައިގެން ބީލަމުގެ ކަންކަން ކުރިޔަށްގެންދާ ޕްރޮކިއުމަންޓްތަކުގައި، ޓެކްނިކަލް ޕްރޮޕޯޒަލުން ފާސްނުވާ ފަރާތްތައް ވެސް ހިމެނޭގޮތަށް، ބީލަމަކަށް ބިޑު ހުށަހެޅި ހުރިހާ ބީލަންވެރިންނަށް "ނޯޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް" ފޮނުވަންވާނެއެވެ.

(ޅ) "ނޯޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް" ގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(1) ބީލަން ކާމިޔާބުކުރި ފަރާތުގެ މަޢުލޫމާތު (ނަމާއި އެޑްރެސް)؛

(2) ހުށަހަޅައިފައިވާ ޞައްޙަ އަގު، ނުވަތަ އެ ބީލަން ވަޒަންކުރުމަށް ޓަކައި އަގާއި ފަންނީ ކަންކަމަށް ޕޮއިންޓް ދީފައިވާނަމަ، ޖުމުލަ ޕޮއިންޓާއެކު ހުށަހަޅައިފައިވާ ޞައްޙަ އަގު؛

(3) އެ ބީލަމަކަށް ބިޑު ހުށަހެޅި ހުރިހާ ފަރާތްތަކެއްގެ ނަމާއި، އެ ފަރާތްތަކުން ހުށަހެޅި އަގާއި، އިވެލުއޭޓް ކުރުމުން އަންނަ އެ ފަރާތްތަކުގެ ޞައްޙަ އަގު؛

(4) ބީލަން ކާމިޔާބުނުވާ ފަރާތެއްނަމަ، އެ ބީލަން ކާމިޔާބުނުވި ސަބަބު. މިގޮތުން ހިމަނާ މަޢުލޫމާތުގައި ސިއްރު ނުވަތަ "ޕްރޮޕްރައިޓަރީ" މަޢުލޫމާތު (ބީލަންވެރިން ހުށަހެޅި އަގުގެ ތަފުސީލު، ވިޔަފާރީގެ ސިއްރުތައް، މެނުފެކްޗަރިންގ ޕްރޮސެސް/ޓެކްނިކް، ނުވަތަ އެހެންވެސް ވިޔަފާރީގެ ނުވަތަ މާލީ ސިއްރު މަޢުލޫމާތު) ހިމަނައިގެން ނުވާނެއެވެ.

(5) ބީލަމާ ގުޅޭ މައްސަލަ ހުށަހެޅުމަށް ޢަމަލު ކުރަންޖެހޭ ގޮތުގެ އިރުޝާދު؛

(6) މައްސަލަ ހުށަހަޅަން ލިބޭ މުއްދަތު ހަމަވާ ތާރީޚު.

(ކ) "ނޯޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް" ލިބޭ ހުރިހާ ބީލަންވެރިންނަށް އެ ނިންމުމާ ގުޅޭގޮތުން މައްސަލަ ހުށަހެޅުމަށް ޓަކައި ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

(1) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނަން ފަށާނީ، "ނޯޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް" ފޮނުވާ ތާރީޚާ ޖެހިގެން އޮންނަ ދުވަހުން ފެށިގެންނެވެ.

(2) އަންނަނިވި ހާލަތްތަކުގައި، މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މުއްދަތު ދިނުން ލާޒިމެއް ނޫނެވެ.

2.1 އާންމުކޮށް ހުޅުވައިލާ ބީލަމެއްގައި އެންމެ ފަރާތަކުން ބިޑު ހުށަހަޅައިފައިވާ ހާލަތުގައި އެ ފަރާތަށް އެވޯޑް ކުރަން ނިންމައިފައިވާނަމަ.

2.2 މި ގަވާއިދުގެ 10.19 ވަނަ މާއްދާއާއި، 10.20 ވަނަ މާއްދާއާއި، 10.21 ވަނަ މާއްދާއާއި، 10.22 ވަނަ މާއްދާގެ ދަށުން ކުރިޔަށްގެންދާ ބީލަންތައް.

(3) މި މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރާތަކަށް ބީލަން އެވޯޑް ނުކުރާ ހާލަތުގައި، ބިޑު ހުށަހެޅި ފަރާތްތަކަށް ބީލަން ކާމިޔާބު ނުވާކަން އަންގާ ތާރީޚުން ފެށިގެން، އެ ބީލަމަކާ ގުޅޭގޮތުން މައްސަލަ ހުށަހެޅުމަށް މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މުއްދަތު ދޭންވާނެއެވެ.

(4) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅައިފައިވާ މައްސަލައެއް ބަލައި، ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތަކަށް ޖަވާބު ދޭންވާނެއެވެ.

(5) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި މައްސަލަ ހުށަނާޅައިފިނަމަ ބެލެވޭނީ، މައްސަލަ ހުށަހެޅުމުގެ ޙައްޤު އެ ފަރާތަކުން ދޫކޮށްލީ ކަމުގައެވެ.

(6) މި މާއްދާގެ ދަށުން ބީލަން ކާމިޔާބުނުވާ ފަރާތްތަކަށް ދޭ މަޢުލޫމާތުގެ ތެރޭގައި، އެންމެ މަދުވެގެން ވެސް، މި ގަވާއިދުގެ 11.02 ވަނަ މާއްދާގެ (ނ) ގައިވާ މަޢުލޫމާތު ހުންނަންވާނެއެވެ. އަދި އެ ފަރާތަކުން ކުރާ ސުވާލުތަކުގެ ޖަވާބު ހިމަނަންވާނެއެވެ. ނަމަވެސް އަންނަނިވި ކަންކަމުގެ މަޢުލޫމާތު ހިމަނައިގެން ނުވާނެއެވެ.

6.1 އެހެން ބީލަންވެރިން ހުށަހަޅައިފައިވާ ބިޑުގެ ވަކިވަކި ތަފުސީލުތައް.

6.2 އެހެން ބީލަންވެރިންގެ ވިޔަފާރީގެ ސިއްރު މަޢުލޫމާތާއި، މާލީ ސިއްރު މަޢުލޫމާތު.

(އ) މި މާއްދާގެ ދަށުން ފޯރުކޮށްދޭ މަޢުލޫމާތު، މި ގަވާއިދުގެ 10.50 ވަނަ މާއްދާއާ އެއްގޮތަށް ރައްކައުކޮށް ބަލަހައްޓަންވާނެއެވެ.

(ވ) "ނޮޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް" ފޮނުވާތާ، ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ބީލަމާ ގުޅުންހުރި އެއްވެސް މައްސަލައެއް ހުށަހަޅައިފައި ނުވާނަމަ، އެ މުއްދަތު ނިމުމުން، ނުވަތަ "ނޯޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް" ލިބޭ ފަރާތްތަކުން އިޢުތިރާޟު ނުކުރާކަމަށް އަންގައިފި ނަމަ، "ސްޓޭންޑްސްޓިލް މުއްދަތު" ނިމުނީކަމަށް ބަލައި، ބީލަން ކާމިޔާބުކުރި ފަރާތަށް ކޮންޓްރެކްޓް ހަވާލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަންވާނެއެވެ. މިގޮތުން ކޮންޓްރެކްޓް ހަވާލުކުރަން ނިންމިކަން ("ނޯޓިފިކޭޝަން އޮފް އެވޯޑް") ބީލަން ކާމިޔާބުކުރި ފަރާތަށް އަންގަންވާނެއެވެ.

(މ) "ނޯޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް" ލިބޭ ފަރާތަކުން، މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މުއްދަތު ނިމުމުގެ ކުރިން ބީލަމާ ގުޅުންހުރި އެއްވެސް މައްސަލައެއް ހުށަހަޅައިފިނަމަ، ކޮންޓްރެކްޓް ހަވާލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަންވާނީ، މައްސަލަ ހުށަހަޅާ ތާރީޚުން ފެށިގެން، އެންމެ ގިނަވެގެން، ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ހުށަހަޅައިފައިވާ މައްސަލަ ބަލައިފައި ނިންމި ގޮތެއް، މައްސަލަ ހުށަހެޅި ފަރާތާ ހިއްސާ ކުރުމަށްފަހު، އެ މައްސަލަ އެޕީލް ކުރުމަށް، ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ މުއްދަތެއް ދިނުމަށްފަހުގައެވެ.

(ފ) ދެ މަރުޙަލާއަކަށް ބަހައިލައިގެން ބީލަމުގެ ކަންކަން ކުރިޔަށްގެންދާ ޕްރޮކިއުމަންޓްތަކުގައި، ޓެކްނިކަލް ޕްރޮޕޯޒަލުން ފާސްނުވާކަމަށް އަންގައިފައިވާ ފަރާތަކުން މައްސަލަ ހުށަހަޅައިފައިވާ ހާލަތުގައި ފައިނޭންޝަލް ޕްރޮޕޯޒަލް ހުޅުވުމުގެ މަސައްކަތް ކުރިޔަށް ގެންދަންވާނީ، އެ ހުށަހަޅައިފައިވާ މައްސަލަ ހުށަހަޅާ ތާރީޚުން ފެށިގެން، އެންމެ ގިނަވެގެން، ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ހުށަހަޅައިފައިވާ އެ މައްސަލަ ބަލައިފައި ނިންމި ގޮތެއް، މައްސަލަ ހުށަހެޅި ފަރާތާ ހިއްސާ ކުރުމަށްފަހުގައެވެ.