ބ. ކުޑަރިކިލުގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރަނީ: އަހަރަކު 1.6 ލައްކައަށްވުރެ ގިނަ ލިޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ
ބ. ކުޑަރިކިލުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކައި، 352 ކިލޯވޮޓް ޕީކްގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ނިޒާމަކާއި 618 ކިލޯވޮޓް އަވާގެ ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމެއް (ބީއީއެސްއެސް) ހިމެނޭ ސޯލާ-ޑީސަލް-ބެޓެރި ހައިބްރިޑް ޕަވަރ ސިސްޓަމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.
މި މަޝްރޫއަކީ އެ ރަށުގައި ދެވޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުކޮށް، ގްރިޑްގެ ހަމަހިފެހެއްޓުމުގެ އިތުރުން، ކަރަންޓު އުފެއްދުމަށްޓަކައި ޑީސަލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި ނިޒާމު ފުރިހަމަވެ ބޭނުންކުރަން ފެށުމުން، ކުދަރިކިލުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެއެވެ. އެގޮތުން، އަހަރަކު ގާތްގަނޑަކަށް 165,189 ލިޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން، އަހަރަކު ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 405 ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރެވިގެންދާނެއެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ. ރައީސްގެ ތަޞައްވުރަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން އުފައްދާ ކަރަންޓު ކަމުގައި ހެއްދެވުމެވެ. ބ. ކުޑަރިކިލުގައި މިހާރު ކުރިއަށްދާ މި މަޝްރޫއަކީ އެ އަމާޒަށް ވާސިލުވުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.
