ޤާނޫނު ނަންބަރު 2012/4 (ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނު) ގެ ދަށުން ތެލަސީމިއާ ހުރިކަމަށް ކަމާގުޅޭ ޞިއްޙީ މިންގަނޑަކުން ކަނޑައަޅާ ކުދިންނަށް/ފަރާތްތަކަށް، ދައުލަތުގެ ފަރާތުން އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ޚާއްޞަ އިނާޔަތެއްގެ ގޮތުގައި "ތެލަސީމިއާ އެލަވަންސް" ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިގޮތުން ތެލަސިމިއާ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، 2025 ޑިސެންބަރު 31 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާ ގަވާއިދު ނަންބަރު: (ތެލަސީމިއާ އެލަވަންސް ދިނުމާގުޅޭ ކަންކަން ބަޔާންކުރާ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުންފެށިގެން 2,000.00 (ދެހާސް) ރުފިޔާ ލިބިގެންދާނެއެވެ.
މި އިނާޔަތް ފޯރުކޮށްދެވޭނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ތެލަސީމިއާ ދަފްތަރު ކަމުގައިވާ "ނެޝަނަލް ތެލަސީމިއާ ރަޖިސްޓްރީ" ގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތެލަސީމިއާ އެލަވަންސަށް އެދި ހުށަހަޅާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ. އެހެންކަމުން ތެލަސީމިއާ ދަފްތަރުގައި ރަޖިސްޓަރީ ވެފައި ނުވާ ފަރާތްތަކުން ތެލަސީމިއާ ދަފްތަރުގައި ރަޖިސްޓަރީ ކުރުމަށް ވަންގަވް (https://one.gov.mv/services) މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ހަމައެއާއެކު މިވަގުތު ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ މަޢޫލޫމާތު އަދާހަމަކޮށް ކަށަވަރުކުރުމުގެ މަސައްކަތް މި ސަރވިސަސްއިން ކުރަމުންދާ ވާހަކަވެސް ދެންނެވީމެވެ.
މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އެހީތެރިކަން ބޭނުންފުޅުވާނަމަ މި ސަރވިސަސްގެ ނަންބަރު 3350155 އަށް ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ގުޅުއްވުމަށް ދަންނަވަމެވެ.
