logo
banner image

މޫސުމީ ބަދަލުތަކުން ރައްކާތެރިވުމާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޝްރޫޢުގެ ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އިސްނަގައިގެން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "އެންހާންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" މަޝްރޫޢުގެ ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން 30 ޑިސެމްބަރ 2025 ވަނަ ދުވަހު ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ރާއްޖޭގެ ކާނާގެ ރައްކާތެރިކަން އިތުރުކުރުމަށް ފަށާފައިވާ މި މުހިންމު މަޝްރޫޢު ހިންގުމުގައި އިސްތިރާޖީ އިރުޝާދާއި ބެލެހެއްޓުމުގެ ނިޒާމު ވަރުގަދަކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

ބައްދަލުވުމުގެ ތެރެއިން، މަޝްރޫޢު ތަންފީޛުވަމުންދާ ގޮތުގެ ޚުލާސާއެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، 2026 ވަނަ އަހަރަށް ލަފާކުރާ މަސައްކަތުގެ ތާވަލު ނުވަތަ 'ވޯކްޕްލޭން' އާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ކޮމިޓީގެ މައިގަނޑު މަޤްޞަދަކީ މަޝްރޫޢުން ހާސިލުކުރަން ބޭނުންވާ ނަތީޖާތަކަށް ވާޞިލުވުމަށްޓަކައި ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމެވެ. މިގޮތުން، ސްޓިއަރިންގ ކޮމިޓީގެ މި ފުރަތަމަ ބައްދަލުވުމަކީ މަޝްރޫޢުގެ ލަނދުދަނޑިތައް ކަނޑައެޅިފައިވާ ތަރުތީބުން ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރާއްޖޭގެ އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށް ދެއްވާ އަހަންމިއްޔަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ އޭޑީބީގެ ބޮޑު އެހީތެރިކަމަކާއެކު ކުރިއަށްދާ މަޝްރޫޢެކެވެ.