ބ. ދޮންފަނުގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި
ބ. ދޮންފަނުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށްޓަކައި، ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި މަޝްރޫއުގެ ދަށުން ދޮންފަނުގައި 301 ކިލޯވޮޓް ޕީކް (kWp) ގެ ސޯލާ ފޮޓޯވޮލްޓައިކް (PV) ނިޒާމަކާއި، 537.6 ކިލޯވޮޓް އަވާ (kWh) ގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް (BESS) ގާއިމުކުރެވޭނެއެވެ. މިއީ އެ ރަށުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު މަދުކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ނިޒާމު ރަސްމީކޮށް ބޭނުންކުރަން ފެށުމުން، އެ ރަށުގައި ކަރަންޓު އުފެއްދުމަށް އަހަރަކު ބޭނުންކުރާ ޑީސަލްގެ ތެރެއިން 141,443 ލިޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެއެވެ. މީގެ އިތުރުން، ޖައްވަށް ބޭރުކުރާ ކާބަން ޑައިއޮކްސައިޑް (CO2) ގެ މިންވަރުން އަހަރަކު 347 ޓަނު މަދުވެގެންދާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ރައީސް މުއިއްޒުގެ އަމާޒަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ.
މިފަދަ މަޝްރޫއުތަކުގެ ސަބަބުން ތެލަށް ކުރާ ހޭދަ ކުޑަވެ، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
