ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، ދަރަވަންދޫގައި ބޭއްވި ދިވެހި ތަރިކައިގެ ހަރަކާތް، ބޮޑު ޖާފަތް ޝަރަފުވެރިކޮށްދެއްވައިފި
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައި ބޭއްވި ދިވެހި ތަރިކައިގެ ހަރަކާތް، ބޮޑު ޖާފަތް ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ދަރަވަންދޫ އަތޮޅު މަދަރުސާގައި ބޭއްވި، މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސަގާފަތާއި ތަރިކައާއި ޙަޟާރަތުން ދައްކައިދެނީ އެ ބައެއްގެ ރަށްވެހިކަމާއި، އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. އަދި ވަޒީރުގެ ދަރަވަންދޫގެ އިސްރަށްވެހީންނާ ބައްދަލުކުރުމުން، މި ރަށުގެ ވަރަށް ގިނަ ތަރިކަ އުވިގޮސް، ބައެއް ތަރިކަ ނައްތާލެވިފައިވާކަން ފާހަގަވެފައިވާކަމަށާއި އަދި އިސްރަށްވެހީންގެ ފަރާތުން ލިބޭ މަޢުލޫމާތު އެއްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމުގައި ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު އިތުރަށް ކުރިއަށްގެންދަވަމުން ވިދާޅުވީ، ޤައުމެއްގެ އަފުރާދުން ގުޅިފައިވާ ގޮތުގެ ތަޖުރިބާތަކަކީ އެއްޖީލުން އަނެއްޖީލަށް ވާސިލުވުމުން އޭގެ ސަބަބުން އިޖުތިމާއީ އެކުވެރިކަމާއި ލޯތްބާއި ކުލުނު އާލާވާ މުހިންމު ޤައުމީ އެއްބައިވަންތަކަމުގެ ބިންގަލެއްކަމަށެވެ. ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމާއި ތަރިކައާއި، އިސްލާމީ އަޚްލާޤީ ރީތި ސިފަތައް ދިރުވުމަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިފައިވާ ޤައުމީ މަޝްރޫޢުގެ މުހިންމުކަމާއި އެ ކަމުން ދިވެހީންނަށް ލިބެމުންދާ ހިތްހަމަޖެހުމާއި އަޚްވަންތަކަމުގެ ދިރުން މި ޖާފަތުން ވެސް ފާހަގަވެއްޖެކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
