logo
banner image

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިންގުނު ޖޮބް ރެޑިނަސް ޕްރޮގްރާމްގެ 2 ވަނަ ބެޗް ކާމިޔާބުކަމާއެކު ނިންމާލާ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ކެއާ ސޮސައިޓީ ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން 05 މެއި އިން 02 ނޮވެމްބަރ 2025 ގެނިޔަލަށް ހިންގުނު 'ޖޮބް-ރެޑިނަސް ޕްރޮގްރާމް' ގެ ދެވަނަ ބެޗް ކާމިޔާބުކަމާއިއެކު ފުރިހަމަކުރި 10 ފަރާތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ.

ޖޮބް-ރެޑިނަސް ޕްރޮގްރާމްގެ ދެވަނަ ބެޗުގައި ލައިފް ސްކިލް (ޓިއަރ 1) އަދި ޖޮބް ސްކިލްސް (ޓިއަރ 2) ބޭނުންވާނެ ފަރާތްތައް ފާހަގަކޮށް ދެ ބަޔަށް ވަކިން ވަނީ ތަމްރީނު ފޯރުކޮށްދެއްވާފައެވެ. އަދި މި ޕްރޮގްރާމުގެ ބައިވެރިންނަށް މަސައްކަތުގެ މާހައުލު ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށްޓަކައި "އޮން ދަ ޖޮބް ޓްރެއިނިންގ" ގެ ބައެއް ވެސް ވަނީ ކުރިއަށްގެންދެވިފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުގެ ދިރިއުޅުމުގެ ޒަރޫރީ ހުނަރުތަކާއި، އެހެން މީހުންނާއި އެކު ގުޅިގެން އުޅުމާއި މުޢާމަލާތުކުރުމުގެ ހުނަރު ކުރިއަރާފައިވާ ކަމަށާއި، ކުރިއަށްގެންދެވުނު "އޮން ދަ ޖޮބް ޓްރެއިނިންގ" ގައި ބައިވެރިވުން ރަނގަޅުކަމަށާއި، ވަޒީފާގެ މާހައުލަށް ފަރިތަވެ، ބައިވެރިންގެ އަމިއްލަވަންތަކަމާއި އަމިއްލަ ނަފްސަށްކުރާ އިތުބާރު އިތުރުވެފައިވާކަމަށް ފާހަގަކުރެވިފައިވެއެވެ. އަދި މި ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ފުރިހަމަކުރި 02 ބައިވެރިއަކު މިހާރު އަންނަނީ މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވަމުންނެވެ.

'ޖޮބް-ރެޑިނަސް ޕްރޮގްރާމް' އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވަޒީފާގެ ދަފްތަރުގައި ދަފްތަރުވެފައިވާ ފަރާތްތަކާއި އެކު ކުރެވުނު މަސައްކަތުގެ ތެރެއިން، ގިނަ އަދަދެއްގެ ފަރާތްތަކަށް މަސައްކަތުގެ މާޙައުލަށް ބޭނުންވާ އަސާސީ ތައުލީމާއި ހުނަރު އިތުރުކުރަން ބޭންނުންވެފައިވާކަން ފާހަގަކުރެވި، މި ފަރާތްތައް ވަޒީފާގެ މާޙައުލަށް ނުކުތުމުގެ ކުރިން، މި ފަރާތްތަކަށް ބޭނުންވާ އަސާސީ އެކި ހުނަރުތައް ދަސްކޮށްދިނުމުގެ މަޤުސަދުގައި އުފައްދާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބެޗް 26 ޖޫން އިން 29 އޯގަސްޓް 2024ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާރު، މި ބެޗު ކާމިޔާބުކަމާއިއެކު 12 ފަރާތަކުންވަނީ ފުރިހަމަކޮށްފައެވެ.

ހަމައެހެންމެ، ޖޮބް-ރެޑިނަސް ޕްރޮގްރާމްގެ އިތުރުން ވަޒީފާގެ މާހައުލަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އަހުލުވެރިކޮށް އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން، ވުޒާރާ މެދުވެރިވެގެން ހޯދާދެވިފައިވާ އިންޓަރންޝިޕްގެ ފުރުޞަތުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި ޕްރޮގްރާމަށް ގިނަ ފަރާތްތަކެއްގެ ޝައުގުވެރިކަން އިތުރުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.