"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 6 - 6.02 ޕޭމަންޓް ވައުޗަރު ތައްޔާރުކުރުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 6 "ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން" އާއި ގުޅޭ މާއްދާތަކެވެ.
ޕޭމަންޓް ވައުޗަރު ތައްޔާރުކުރުން
6.02
(ހ) ފައިސާ ޚަރަދުކުރުމަށް ޓަކައި ޕޭމަންޓް ވައުޗަރު ތައްޔާރުކުރާނީ، ހިސާބު ބަލަހައްޓާ މުވައްޒަފެކެވެ.
(ށ) ޕޭމަންޓް ވައުޗަރު ތައްޔާރުކުރަންވާނީ، އެ ކަމާ ގުޅޭ ލިޔުންތައް ފުރިހަމަކޮށްފައިވާނަމައެވެ.
(ނ) ޕޭމަންޓް ވައުޗަރު ހަދަންވާނީ، މުދާ ނުވަތަ ޚިދުމަތް ލިބިފައިވާކަމުގެ ލިޔުން އޮތްތޯ ބަލައި، އިންވޮއިސްގައިވާ އަގުތަކާއި ޕަރޗޭސް އޯޑަރު ނުވަތަ ސަރވިސް އޯޑަރު ނުވަތަ ކޮންޓްރެކްޓްފަދަ ގުޅުންހުރި ލިޔުންތަކާ އަޅައިބަލައި، ހިސާބުތައް ޗެކުކޮށް ރަނގަޅުތޯ ބެލުމަށްފަހުގައެވެ. ޕޭމަންޓް ވައުޗަރު ތައްޔާރުކުރަންވާނީ، މި މިނިސްޓްރީގެ ވެބްސައިޓުގައި ޝާޢިއުކޮށްފައިވާ MG/BC04 ނަމޫނާއާ އެއްގޮތަށެވެ.
(ރ) ޕޭމަންޓް ވައުޗަރު ތައްޔާރުކުރުމުގައި، އެ ޕޭމަންޓް ވައުޗަރަކުން ކުރާ ޚަރަދަކާ ގުޅޭ ޞައްޙަ ހުރިހާ ލިޔުމެއް، ޕޭމަންޓް ވައުޗަރާއެކު ހިމަނަންވާނެއެވެ.
(ބ) ޕޭމަންޓް ވައުޗަރު ހަދާއިރު، މި މާއްދާގެ (ނ) ގައިވާ ކަންތައްތަކުގެ އިތުރަށް، ޕޭމަންޓް ވައުޗަރާއެކު ހުންނަންޖެހޭ ހުރިހާ ލިޔުންތައް ހަމަޔަށް ހުރިތޯއާއި، އެ ލިޔުންތައް ފުރިހަމަކޮށްފައިވޭތޯ ބަލައި ޗެކުކުރަންވާނެއެވެ.
(ޅ) ޕޭމަންޓް ވައުޗަރު ތައްޔާރުކުރި މުވައްޒަފު ނޫން އެހެން މުވައްޒަފަކު، ޕޭމަންޓް ވައުޗަރާއި ޗެކު ހަދައިފައިވަނީ ރަނގަޅަށްތޯ ޗެކުކުރަންވާނެއެވެ. ޗެކުކުރާ މުވައްޒަފު ބަލަންޖެހޭ ކަންތައްތަކުގެ ފޯމު (ޗެކު ލިސްޓު) MG/BC06 މި މިނިސްޓްރީގެ ވެސްބައިޓުގައި ޝާޢިއުކޮށްފައި ވާނެއެވެ. ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށް ޕޭމަންޓް ވައުޗަރ ހުށަހަޅާ ދައުލަތުގެ އޮފީސްތަކުން، މި ޗެކު ލިސްޓް ފުރިހަމަކުރުމުން އިސްތިސްނާވެގެންވެއެވެ.
(ކ) ޕޭމަންޓް ވައުޗަރަށް ހުއްދަ ހޯދުމަށްފަހު، ޚަރަދާބެހޭ މަޢުލޫމާތު ލިޔެ، ބަޖެޓު ބާކީކުރަންވާނެއެވެ.
(އ) ޕޭމަންޓް ވައުޗަރުން ޚަރަދުކުރުމަށް ހުއްދަކުރެވެންދެން ފައިސާ ޚަރަދުކުރުމުގެ ވައުޗަރާއި ޗެކުތައް ހުންނަންޖެހޭނީ، ފައިސާ ބަލަހައްޓާ މުވައްޒަފުގެ ހަވާލުގައި ރައްކައުތެރި ތަނެއްގައެވެ.
(ވ) ފައިސާ ޚަރަދުކުރުމަށް ޕޭމަންޓް ވައުޗަރުން ހުއްދަދީ ޗެކުގައި ސޮއިކުރުމަށްފަހު، ފައިސާ ހަވާލުކުރަންޖެހޭ ފަރާތަކާ ލަސްނުކޮށް ފައިސާ ހަވާލުކުރަންވާނެއެވެ. އެއްވެސް ސަބަބަކާހުރެ ފައިސާ ހަވާލު ނުކުރެވިއްޖެނަމަ، ޗެކުތައް ބަހައްޓަންވާނީ، ތިޖޫރީގައި ނުވަތަ މި ގަވާއިދުގެ 6.23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ތަނެއްގައި ނުވަތަ އެއްޗެއްގައެވެ.
(މ) ދައުލަތުގެ އޮފީސްތަކަށް އެކި ފަރާތްތަކުން ހުށަހަޅާ ލިޔުންތައް (އިންވޮއިސްއެއް ނުވަތަ ބިލެއް) ދައްކަންޖެހޭ ފައިސާގެ ބިލުގައި މައްސަލައެއް ނެތްނަމަ، ބިލު ލިބޭތާ، އެންމެ ލަސްވެގެން ވެސް، ސަރުކާރު ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި ފައިސާ ދައްކަންވާނެއެވެ. ބިލުގައި މައްސަލައެއް އޮތްނަމަ، ބިލު ލިބުނު ތާރީޚުކަމުގައި ބަލާނީ، އެ މައްސަލައެއް ޙައްލުކުރުމަށްފަހު ބިލު ލިބުނު ތާރީޚެވެ.
(ފ) ފައިސާ ހޯދުމަށް ހުށަހަޅައިފައިވާ ލިޔުމެއް (އިންވޮއިސްއެއް ނުވަތަ ބިލެއް) ގެ އަސްލު ގެއްލިއްޖެނަމަ، ކޮޕީ ލިޔުމަކަށް ފައިސާ ދެއްކޭނީ، އެ ލިޔުމެއްގެ އަސްލު ގެއްލިފައިވާކަމަށާއި، ކުރިން ފައިސާ ދެއްކިފައި ނުވާކަމަށް، އެކަން ޗެކުކުރި މުވައްޒަފާއި ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރުގެ މަސްއޫލިއްޔަތު އަދާކުރާ މުވައްޒަފު އެކަން ބަޔާންކޮށް ސޮއިކުރުމުންނެވެ.