logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 6 - 6.01 ދައުލަތުގެ ފައިސާ ޚަރަދުކުރުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 6 "ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން" އާއި ގުޅޭ މާއްދާތަކެވެ.

ދައުލަތުގެ ފައިސާ ޚަރަދުކުރުން

6.01

(ހ) ދައުލަތުގެ ފައިސާ ޚަރަދުކުރަންވާނީ، ޤާނޫނުގައި ބަޔާންކޮށްފައިވާ ޕަބްލިކް ބޭންކް އެކައުންޓުގެ ފަންޑުތަކުގައި ދަރަންޏަށް ޒިންމާވާގޮތަށް ފައިސާ ޚަރަދުކުރެވެންހުރެ، ޤާނޫނީ ހަމަތަކުގެ މަތީން ހޯދޭ ތަކެއްޗަށް، ނުވަތަ ލިބިގަނެވޭ ޚިދުމަތަށް، ނުވަތަ ކުރުވާ މަސައްކަތަށް، ނުވަތަ އަދާކުރާ ވަޒީފާގެ މުސާރައާއި ޢިނާޔަތަށް، ނުވަތަ ޤާނޫނާ އެއްގޮތަށް ދޫކުރެވޭ ލޯނާއި ޚާއްޞަ އެހީއަށް ޤާނޫނީ ހަމަތަކުގެ މަތިން ޚަރަދުކުރުމަށް ހުއްދަކުރާ ފައިސާ ދޫކުރުމަށެވެ.

(ށ) ފައިސާ ޚަރަދުކުރުމަށް ހުއްދަ ދޭނީ، އެކަމަށް ކަނޑައަޅާ އިސްވެރިޔަކު ހުއްދަ ދީފައިވާ ފަރާތްތަކުންނެވެ. އަންނަނިވި ހާލަތްތަކުގައި މެނުވީ، ދަރަންޏަށް ޒިންމާވާގޮތަށް، ދައުލަތުގެ ފައިސާ ޚަރަދުކުރަންޖެހޭ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްގެން ނުވާނެއެވެ.

(1) ދަރަންޏަށް ޒިންމާވާގޮތަށް ޚަރަދުކުރަންޖެހިފައިވާ ފައިސާ، ބަޖެޓުގައި ނުވަތަ އެ ޚަރަދެއް ކުރަން ކަނޑައެޅިފައިވާ އެކައުންޓެއްގައި ޚަރަދުކުރުމަށް ބޭނުންވާ މިންވަރަށް ލިބެން ހުރުން؛

(2) ޤާނޫނާއި މި ގަވާއިދުގައި ހުއްދަކުރެވިގެން ޚަރަދުކުރަން ޖެހިފައިވާ ފައިސާއެއް ކަމުގައި ވުން.

(ނ) އެއްވެސް އެކައުންޓަކުން ފައިސާއެއް ދައްކާނަމަ، ތިރީގައިމިވާ ގޮތުގެ މަތީން ޢަމަލުކުރަންވާނެއެވެ.

(1) ދައުލަތުގެ އެއްވެސް އެކައުންޓަކުން ފައިސާއެއް ދައްކާނަމަ ދައްކަންވާނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޕޭމަންޓް ވައުޗަރު ތައްޔާރުކުރުމަށްފަހުގައެވެ. ނަމަވެސް، ޕީ.އޭ.އެސް. މެދުވެރިކޮށް ޕާރޗޭސް އޯޑަރު ތައްޔާރުކުރާ އޮފީސްތަކުން، ޕޭމަންޓް ވައުޗަރު ތައްޔާރުނުކޮށް ފައިސާ ދެއްކިދާނެއެވެ.

(2) ވެންޑަރުގެ (ފައިސާ ލިބެންވާ ފަރާތުގެ) ނަމާއި، އެޑްރެހާއި، ވެންޑަރުގެ ބޭންކް އެކައުންޓު ނަންބަރާއި، ޕީ.އޭ.އެސް.ގެ ވެންޑަރުގެ ކޯޑު (ވެންޑަރ އައި.ޑީ) ރިކޯޑު ކުރެވިފައިވޭތޯ ބެލުން؛

(3) އެކައުންޓު ކޯޑުތަކާއި، އައިޓަމް ކޯޑުތައް ރަނގަޅުތޯ ބެލުން؛

(4) އަނބުރާ ލިބޭގޮތަށް ކުރެވޭ ޚަރަދެއްނަމަ، ފައިސާ ދައްކާ ވައުޗަރުގައި އެކަން ރަނގަޅަށް ބަޔާންކޮށްފައިވޭތޯ ބެލުން؛

(5) ބޭރުފައިސާއެއްނަމަ، ރޭޓާއި ގަތް އަދަދާ ގުނަކުރުމުން އަންނަ ފައިސާގެ އަދަދަކީ ރަނގަޅު އަދަދެއްތޯ ބެލުމާއި، އެއްކުރުމާއި ޖުމުލަކުރުން ރަނގަޅުތޯ ބެލުން؛

(6) ތަކެއްޗާއި ޚިދުމަތް ފުރިހަމަޔަށް ލިބިފައިވޭތޯ ބެލުމާއި، މަސައްކަތްތައް ނިމިފައިވޭތޯ ބެލުން؛

(7) ފައިސާ ދައްކާ ވައުޗަރާއެކު ހުންނަންޖެހޭ ހުރިހާ ލިޔުންތަކެއް ހަމަޔަށް ހުރިތޯ ބެލުމާއި، ފުރިހަމަކުރަންޖެހޭ ހުރިހާ ލިޔުންތަކެއް ފުރިހަމަކުރެވިފައިވޭތޯ ބެލުން؛

(8) ފައިސާ ދައްކާ ވައުޗަރު ކަނޑައި ފޮހެ ޓިޕެކްސްޖަހައި ބަދަލުކޮށްފައިވޭތޯއާއި، އޭގައިވާ ލިޔުންތައް ކިޔަން އެނގޭތޯއާއި، ލިޔެފައިވާ ލިޔުމަކީ ފަސޭހައިން ބަދަލުނުކުރެވޭގޮތަށް ހުރި ލިޔުމެއްތޯ ބެލުން.

(ރ) ފައިސާ ދައްކާ ވައުޗަރުގައިވާ އަދަދަކަށް ނުވަތަ ލިޔުމަކަށް ބަދަލެއް ގެނެސްފައިވާނަމަ، އެ ވައުޗަރެއް ގަބޫލުކުރެވޭނީ، ބަދަލު ގެނެސްފައިވާ ތަނުގައި، ފައިސާ ޚަރަދުކުރުމުގެ ހުއްދަ އޮތް ވެރިން ސޮއިކުރުމުންނެވެ.

(ބ) ދައުލަތުގެ އޮފީސްތަކުން ކުރާ މަސައްކަތްތަކަށާއި، ގަންނަ މުދަލަށާއި، ހޯދާ ޚިދުމަތަށް ފައިސާ އަދާކުރުމުގައި ނަގުދު ފައިސާއިން ފައިސާ ދެވޭނީ، މިނިސްޓްރީން ހުއްދަދޭ އަދަދަކަށް އަދި ހުއްދަދޭ ކަންކަމަށެވެ.