"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 5 - 5.38 ކޮން ފައިސާއެއްކަން ނޭނގި ދައުލަތަށް ލިބޭ ފައިސާ ސަސްޕެންސް އެކައުންޓަށް ޖަމާކުރުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
ކޮން ފައިސާއެއްކަން ނޭނގި ދައުލަތަށް ލިބޭ ފައިސާ ސަސްޕެންސް އެކައުންޓަށް ޖަމާކުރުން
5.38
(ހ) ކޮން ކަމަކަށް ލިބުނު ކޮން ފައިސާއެއްކަން އަދި އެ ފައިސާއެއް ފޮނުވި ބޭނުމެއް ނުވަތަ މަގުސަދެއް ސާފުނުވާގޮތަށް އެއްވެސް މަޢުލޫމާތަކާ ނުލައި ލިބޭ ފައިސާ އެ ތަނަކަށް ގަވާއިދުން ބަލައިގަނެ އެކައުންޓަށް ޖަމާކުރެވުނު ކަމުގައި ވިޔަސް، "ރިސިޕްޓްސް އިން ސަސްޕެންސް" ގެ ނަމުގައި ޖާނަލް އެކައުންޓެއް ނުވަތަ އައިޓަމެއް އުފައްދައި، އެ އެކައުންޓަކަށް ނުވަތަ އެ އައިޓަމަކަށް އެ ފައިސާ ވައްދަންވާނެއެވެ. އަދި މިފަދަ ފައިސާއެއް ލިބުމާއެކު، އެ ފައިސާއަކާބެހޭ މަޢުލޫމާތު ސާފުކުރުމަށްފަހު، އެ ފައިސާ "ރިސިޕްޓްސް އިން ސަސްޕެންސް" އެކައުންޓުން ނަގައި، އެ ފައިސާ ވައްދަންޖެހޭ ރަނގަޅު އެކައުންޓަކަށް ނުވަތަ އައިޓަމަކަށް ވައްދަންވާނެއެވެ.
(ށ) ކޮން ކަމަކަށް ލިބުނު ފައިސާއެއްކަން ނޭނގި ލިބޭ ފައިސާ ޖަމާކުރުމަށް "ރިސިޕްޓްސް އިން ސަސްޕެންސް" އެކައުންޓެއް ނުވަތަ އައިޓަމެއް ހުޅުވަން ބޭނުންވާނަމަ، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ މިނިސްޓްރީއަށް ހުށަހަޅައިގެން އެކަން ހަމަޖައްސަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރިސިޕްޓްސް އިން ސަސްޕެންސް އެކައުންޓުގައި ހުންނަ ފައިސާގެ މަޢުލޫމާތު، ވީ އެންމެ އަވަހަކަށް ސާފުކުރުމަށް މަސައްކަތް ކުރަންވާނެއެވެ. އަދި އެ ފައިސާއަކާބެހޭ ރަނގަޅު މަޢުލޫމާތު ސާފުވުމުން، އެ ފައިސާ ރަނގަޅު ކޯޑަށް ނުވަތަ އައިޓަމަށް ބަދަލުކުރުމަށް ޓަކައި ޖާނަލް ވައުޗަރެއް ހަދަންވާނެއެވެ.
(ރ) "ރިސިޕްޓްސް އިން ސަސްޕެންސް" އެކައުންޓުގައި ނުވަތަ އައިޓަމުގައި ހުންނަ ފައިސާ، އެ އަހަރު ނިމޭއިރު ވަކިގޮތަކަށް ނުނިމިއްޖެނަމަ، މިނިސްޓްރީއަށް ލިޔެގެން، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް އެ ފައިސާ ޓްރާންސްފަރ ކުރަންވާނެއެވެ. މިގޮތަށް ޓްރާންސްފަރކުރާ ފައިސާ މިނިސްޓްރީން "އަންކްލެއިމްޑް ފައިސާގެ ރަޖިސްޓަރީ" ގައި އިތުރު 2 (ދޭއް) އަހަރުދުވަސް ވަންދެން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ. އަދި މި ފައިސާ ހޯދުމަށް އެއްވެސް ފަރާތަކުން އެކަށީގެންވާ ހެތްކާއެކު ހުށަހަޅައިފިނަމަ، ސަސްޕެންސް އެކައުންޓުން ނުވަތަ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން އެ ފައިސާ ނަގައި، އެ ފަރާތަކަށް އެ ފައިސާ ދޭނީއެވެ.