logo
banner image

ފެނާއި ނަރުދަމާގެ ކުއްލި ޙާލަތުގެ ރޭވުންތައް ހިންގުމާ ގުޅޭގޮތުން މިނިސްޓްރީން ސްޓެލްކޯއާ ބައްދަލުކޮށްފި

ފެނާއި ނަރުދަމާގެ ކުއްލި ޙާލަތުގެ ރޭވުންތައް (WSEPs) ހިންގުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ސްޓެލްކޯއާ ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ސްޓެލްކޯއިން ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ހުރިހާ ރަށެއްގައި މި ރޭވުންތައް ތަންފީޒުކުރުމަށް މަގުފަހިކުރުމެވެ.

މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، މި ކުއްލި ޙާލަތުގެ ރޭވުންތައް އެކުލަވާލެވޭނީ މިނިސްޓްރީން ތައްޔާރުކޮށްފައިވާ 'ޑަބްލިޔު.އެސް.އީ.ޕީ ގައިޑްބުކް' ބޭނުންކޮށްގެންނެވެ. މީގެ ސަބަބުން، ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް ދިމާވެދާނެ ކޮންމެ ކުއްލި ޙާލަތެއްގައި ވެސް އިތުރަށް ތައްޔާރުވެ، އެފަދަ ޙާލަތްތަކުގައި ޚިދުމަތަށް ދަތިނުވެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެކަން ކަށަވަރުކުރެވޭނެއެވެ.

މި ބައްދަލުވުމުގައި ސްޓެލްކޯގެ އިސްވެރިންނާއި މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުން ބައިވެރިވެވަޑައިގެންފައި ވެއެވެ. މި ރޭވުންތައް ތަންފީޒުކުރުމުގެ މުހިންމުކަމާއި، ޚާއްސަކޮށް މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވެދާނެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.