logo
banner image

ރ. މަޑުއްވަރީގައި 400 ކިލޯވޮޓްޕީގެ ސޯލާ ޕީވީ ހައިބްރިޑް ނިޒާމެއް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދަނީ

ރ. މަޑުއްވަރީގައި 400 ކިލޯވޮޓްޕީ (kWp) ގެ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމެއް، 344 ކިލޯވޮޓް ގަޑީގެ (kWh) ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމަކާއެކު ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ދެމެހެއްޓެނިވި ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ.

މި ނިޒާމު ބޭނުންކުރަން ފެށުމުން، އަހަރަކު 187,902 ލީޓަރުގެ ޑީޒަލް ބޭނުންކުރުން މަދުވެ، 460 ޓަނުގެ ކާބަން ޑައިއޮކްސައިޑް (CO₂) ވައިގެ ތެރެއަށް ދޫކުރުން ހުއްޓުވޭނެއެވެ. މިކަމުގެ ސަބަބުން ތިމާވެއްޓަށް ދިމާވާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެގެންދާނެއެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އުފެއްދުން އަލުން އާ ކުރެވޭ ހަކަތައިގެ (Renewable Sources) ވަސީލަތްތަކުން ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމު ފިޔަވަޅެކެވެ. މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ދެމެހެއްޓެނިވި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، ތިމާވެށީގެ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ވެސް ހައްލެއް ލިބިގެންދާނެއެވެ.

މި ސިސްޓަމް ބަހައްޓައި ނިމި، އަމަލީކޮށް ބޭނުންކުރަން ފެށުމުން މަޑުއްވަރީގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ޚިދުމަތެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.