MVS 2025 ގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެލާނާ އެއާޕޯޓުން ފަށައިފި
ޓޫރިޒަމް އަދި އެންވަޔަރަންމަންޓް މިނިސްޓްރީއިން ހިންގާ މޯލްޑިވްސް ވިޒިޓަރ ސަރވޭ (MVS) 2025 ގެ ދަށުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

މޯލްޑިވްސް ވިޒިޓަރ ސަރވޭއަކީ ރާއްޖެއިން ފުރައިގެންދާ ފަތުރުވެރިންގެ ފަރާތުން މައުލޫމާތު އެއްކުރުމަށް ހިންގާ "އެގްޒިޓް ސަރވޭ" އެކެވެ. މި ސަރވޭގެ ތެރެއިން ފަތުރުވެރިންގެ ޑެމޮގްރަފިކްސް (ޖިންސާއި އުމުރު ފަދަ މައުލޫމާތު)، ރާއްޖޭގައި ކުރެވުނު ތަޖުރިބާތަކާއި، ރާއްޖޭގެ ޓޫރިޒަމްގެ އުފެއްދުންތަކާއި ހިދުމަތްތަކާ ބެހޭ ގޮތުން ފަތުރުވެރިން ދެކޭ ގޮތްފަދަ މުހިންމު މައުލޫމާތުތައް އެއްކުރެއެވެ.
މިފަދަ މައުލޫމާތުތަކަކީ، ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއެރުވުމަށްޓަކައި، ދެނެގަތުންތަކަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިވެދޭ މުހިންމު ބާރުތަކެކެވެ. މީގެ އިތުރުން، ދުނިޔޭގެ މާކެޓުގައި ރާއްޖެއަކީ އެންމެ ކުރީގައި އޮންނަ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވާދަވެރިކަން ވަރުގަދަކުރުމުގައި ވެސް މި ސަރވޭގެ ނަތީޖާތަކުން މުހިންމު ދައުރެއް އަދާކުރާނެއެވެ.
