އިންޑިއާގެ ހައި ކޮމިޝަނަރު ބައްދަލުކުރައްވައި، ވެއްޓާއި ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން ވަރުގަދަކުރަން މަޝްވަރާކުރައްވައިފި

ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް، ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު، އޮނަރަބަލް ޖީ. ބަލަސުބްރަމަނިއަންއާ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި، ޚާއްސަކޮށް ވެއްޓާއި ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޠާރިޤް އިބްރާހީމް ވަނީ، ދިވެހިރާއްޖެއަށް އިންޑިއާ ހައި ކޮމިޝަނުން ދެމުންދާ ދެމިހުންނަ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. ދެ ފަރާތުން ވެސް ވަނީ ވެއްޓާބެހޭ ކަންކަމާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ގުޅުން ބަދަހިކޮށް، އެކުއެކީގައި މަސައްކަތްކުރެވޭނެ އިތުރު ދޮރުތަކާބެހޭގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ޚާއްސަކޮށް ވެއްޓާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ދެޤައުމުގެ ކުރިއެރުމަށް މަގުފަހިކޮށްދޭނެ ބައްދަލުކުރެއްވުމެއް ކަމަށް ލަފާކުރެވެއެވެ.
