ޖީ.ޕީ.އީގެ ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމުގައި މިނިސްޓަރ ބައިވެރިވެ ވަޑައިގަންނަވައިފި
ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ބޯޑް އޮފް ޑިރެކްޓަރސްގެ ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެ ވަޑައިގެންފިއެވެ.
މިނިސްޓަރ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ އޭޝިއާ އަދި ޕެސިފިކް ދާއިރާ ތަމްސީލުކުރައްވާ ބޯޑް މެންބަރުގެ ހައިސިއްޔަތުންނެވެ. ޑިސެމްބަރު 04 އިން 05 އަށް ބެލްޖިއަމްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓަރގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. އަޙްމަދު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބައްދަލުވުމުގައި ޖީ.ޕީ.އީގެ ހިންގުމާއި ގުޅުންހުރި ގިނަ ނިންމުންތަކާއި، ކުރިއަށްގެންދިއުމަށް ރާވާ ހަރަކާތްތަކުގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކަށް ލަފާކުރާ ބަޖެޓު ކަނޑައެޅުމަށް ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގްލޯބަލް ޕާޓްނަރޝިޕް ފޯރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) އަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ހިލޭ އެހީ ދޭ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ފަންޑެވެ.
