ލާމަރުކަޒީ ނިޒާމު ބެލެހެއްޓުމުގެ ޙަޤީޤީ މޭސްތިރިންނަކީ އެލްޖީއޭ: މިނިސްޓަރ
ލާމަރުކަޒީ ނިޒާމު ބެލެހެއްޓުމުގެ ޙަޤީޤީ މޭސްތިރިންނަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ކަމަށް އެ އޮތޯރިޓީގެ ރައީސް، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރޭ ކުރިއަށް ދިޔަ އެލްޖީއޭގެ 'ސްޓާފް ނައިޓް' ގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދާނަކުރުމަށް އެލްޖީއޭގެ މުވައްޒަފުން ކުރައްވާ މަސައްކަތާ މެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށެވެ. އެ އޮތޯރިޓީގެ މުވައްޒަފުންގެ ހީވާގިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެލްޖީއޭގެ މަސައްކަތުގެ ތެރެއިން އެ މަނިކުފާނަށްވެސް ގިނަ ކަންތައްތަކެއް ދަސްވެވަޑައިގެންފައިވާ ކަމަށެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ބަލަދުވެރިކަން އެލްޖީއޭއިން ވަރަށް ރަނގަޅަށް ބަލަހައްޓަވަމުން ގެންދަވައި ކަމަށެވެ.
''ލާމަރުކަޒީ ނިޒާމު ބެލެހެއްޓުމުގެ ޙަޤީޤީ މޭސްތިރިންނަކީ އެލްޖީއޭގައި މަސައްކަތް ކުރައްވާ ބޭފުޅުން'' މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި، ލާމަރުކަޒީ ނިޒާމަށް ޤާނޫނަށް ގެންނަ ބަދަލުތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އިތުބާރެއް އެލްޖީއޭއަށް އެބައޮތްކަން ފާހަގަކުރެއްވިއެވެ.
''މިހާރު ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކާ އެކުގައި ވެސް މުޅި ނިޒާމުގެ މައްޗަށް އޮތް ހުރިހާ ބުރަދަނެއް، އިތުބާރާ ޔަޤީންކަމާއެކު އެ ދޫކޮށްލަވަނީ އެލްޖީއޭއަށް'' ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވަމުން މިނިސްޓަރ ވިދާޅުވިއެވެ.
ލާމަރުކަޒީ ޤާނޫނަށް ގެންނަ ބަދަލުތަކާއެކު އެލްޖީއޭގެ މަސައްކަތްތައް އިތުރު 3 ގިޔަރު ކުރިއަށް ޖައްސާލެއްވުމަށް މުވައްޒަފުންގެ އަރިހުން މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.
