104 ހަފްތާ: ރީފްސީޑް ސިސްޓަމް އިންސްޓޮލޭޝަން އެންޑް ޓްރެއިނިނގް
"ރީފްސީޑް ޕްރޮޖެކްޓް" ގެ ދަށުން "ރީފްސީޑް ސިސްޓަމް" ގެ ނަމުގައި، މުރަކައިގެ ބިހާއި ލާރވާ ބޭނުންކޮށްގެން މުރަކަ އާލާކުރުމަށް ޚާއްޞަކުރެވިފައިވާ އެކުއަކަލްޗަރ ކޮންޓެއިނަރ ސިސްޓަމެއް އޮސްޓްރޭލިޔާގައި ތަރައްޤީކޮށް، 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދިވެހިރާއްޖެއަށް ގެނެސް ކ. މަނިޔަފުށީގައި ޤާއިމްކޮށްފައިވާ މެރިކަލްޗަރ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ބެހެއްޓިފައިވެއެވެ.
މި ޕްރޮޖެކްޓަކީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި)، އޮސްޓްރޭލިއަން އިންސްޓިޓިއުޓް ފޯރ މެރިން ސައިންސް (އޭ.އައި.އެފް.އެމް.އެސް) އަދި ކޮމަންވެލްތް ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާރޗް އޯގަނައިޒޭޝަން (ސީ.އެސް.އައި.އާރް.އޯ) ގުޅިގެން ހިންގާ މަޝްރޫޢެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ އެކުއަކަލްޗަރ ސިސްޓަމެއް މެދުވެރިކޮށް މުރަކަ ގިނަ އަދަދަކަށް އާލާކޮށް، ފުޅާ ދާއިރާއެއްގައި ފަރުތައް އިޔާދަކުރުމެވެ.
ކޮރަލް ރިސާރޗް އެންޑް ޑިވެލޮޕްމަންޓް އެކްސެލެރޭޓަރ ޕްރޮގްރާމް (ކޯޑެޕް) ގެ މާލީ އެހީތެރިކަމާއެކު ހިންގޭ މި 3 އަހަރުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ދިވެހިރާއްޖޭގައި ފެށުން ފާހަގަކުރުމަށްޓަކައި "ރީފްސީޑް ޑެމޮންސްޓްރޭޝަން ޑޭ" ގެ ނަމުގައި ޚާއްޞަ ހަރަކާތްތަކެއް 2025 ވަނަ އަހަރުގެ މާރިޗު މަހުގެ 16 ވަނަ ދުވަހު ކ. މަނިޔަފުށީގައި ބޭއްވިފައިވެއެވެ.
