އެމް.ކިޔު.އޭގެ ރިހިޔޫބިލް ފާހަގަކުރުމަށް ބޭއްވުނު ރަސްމިޔާތު ވަޒީރު ޑރ.ޢަލީ ޙައިދަރު ޝަރަފުވެރިކޮށްދެއްވައިފި
މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް 25 އަހަރު ފުރި، އެ އޮތޯރިޓީގެ ރިހިޔޫބިލް ފާހަގަކުރުމަށް ބޭއްވުނު ރަސްމިޔާތު ވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ.ޢަލީ ޙައިދަރު އަޙްމަދު ޝަރަފުވެރިކޮށްދެއްވައިފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެމަނިކުފާނު ދެއްވި ޚިތާބުގައި ވިދާޅުވީ، ތަޢުލީމާއި ހުނަރުވެރިކަމަކީ ޤައުމުގެ ކާމިޔާބީ ވަޒަންކުރާ މިންގަނޑަކަށް ވުމާއެކު، ރާއްޖެއިން ހާޞިލުކުރާ މަތީ ތަޢުލީމީ ސަނަދުގެ އަގު ހިފެހެއްޓުމަކީ ހަމައެކަނި ޓެކްނިކަލް މަސައްކަތެއް ނޫންކަމަށާއި، އެއީ ޤައުމީ ޝަރަފަކާއި އިޤްތިޞާދީ އަސާސެއްކަމަށެވެ.
މީގެ އިތުރުން، އެމަނިކުފާނު ވަނީ ދުނިޔޭގެ މަތީ ތަޢުލީމުގެ ކުރިމަގަށް ބަލާއިރު، އައު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވައިފައެވެ. އަދި އެފަދަ ގޮންޖެހުންތަކަށް ތައްޔާރުވެ، ކުޅަދާނަކަމާއި ހުޝިޔާރުކަމާއެކު، އެފަދަ ގޮންޖެހުންތަކާއި ކުރިމަތިލުމުގެ އަޒުމް ވަރުގަދަކުރަންޖެހޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ.ޢަލީ ޙައިދަރު އަޙްމަދުގެ، މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ)ގެ ސީ.އީ.އޯ މަރްޔަމް ފިޒާނާ ރަޝީދުގެ އިތުރުން މަތީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރަމުންދާ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
