ނޫސްވެރިކަމާއި ގުޅޭ ކޯސްތައް ކިޔަވާ ދަރިވަރުންނަށް މަލީ އެހީ ފޯރުކޮށްދިނުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއާއި ދެމެދު، އެމް.އެން.ޔޫގައި ކުރިއަށްގެންދާ މީޑިޔާ އަދި ނޫސްވެރިކަމާއި ގުޅޭ ޕްރޮގްރާމްތަކުގެ ކޯސް ފީގެ ވަކި އިންސައްތައެއް ދިވެހި ދަޢުލަތުގެ ފަރާތުން ފޯރުކޮށްދިނުމަށް ވަނީ ފަހުމުނާމާއެއްގައި ސޮއިކުރެވިފައެވެ.
މި އެއްބަސްވުމުގައި، ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާގެ ފަރާތުން އެ ވުޒާރާގެ ވަޒީރު، ޑރ.އިބްރާހިމް ވަހީދް ވަނީ ސޮއިކުރައްވައިފައެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވައިފައެވެ.
ދިވެހިރާއްޖެއަށް މުހިއްމު ދާއިރާތަކުން ގިނަ އަދަދެއްގެ ޒުވާނުން ތަމްރީނުކުރުމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މި ސިޔާސަތައް ޢަމަލުކުރުމަށް ވެވޭ މިފަދަ އެއްބަސްވުންތަކުގެ ދަށުން ސަރުކާރުގެ ފަރާތުން ދަނީ ޒުވާނުންނަށް މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގައި އެހީއާއި އެއްބާރުލުން ދެއްވަމުންނެވެ.
