logo
banner image

މީޑިއާތަކަށް ފައިސާ ދިނުމުގެ މަސައްކަތް ކުރިއަށް، ފައިސާ ދޭނީ ޝަރުތުހަމަވާ މީޑިއާތަކަށް: މިނިސްޓަރ

މީޑިއާތަކަށް ފައިސާ ދޭނީ ޝަރުތުހަމަވާ މީޑިއާތަކަށް ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރައީސް އޮފީހުން ރާއްޖޭގެ މީޑިއާތަކުގެ އެޑިޓަރުންނާއި ބައްދަލުކޮށް، ފުރަތަމަ ޑްރާފްޓް ތައްޔާރުކުރި ކަމަށާއި، އޭގެ މައްޗަށް ބިނާކޮށް ކެބިނެޓަށް ކަރުދާހެއް ހުށަހެޅުއްވި ކަމަށެވެ. އެ މަސައްކަތައިގެން ކުރިއަށް ދިއުމަށް ރައީސް ލަފާދެއްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިގޮތުން ފުރަތަމަ ރާއްޖޭގެ އޮންލައިން މީޑިއާތަކުގައި މަސައްކަތް ކުރާ ސީނިއާ އެޑިޓަރުންނާއި ބައްދަލުކުރެއްވި ކަމަށާއި އަދި ދެވަނަ ބައްދަލުވުމެއް ޖާނަލިސްޓް އެސޯސިއޭޝަންއާ އެކު ބައްދަލުވުމެއް އަދި އެއަށްފަހު ރާއްޖޭގެ ޓީވީ ސްޓޭޝަންގެ ހިންގަން ތިއްބެވި ބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެންމެން އެއްބަސްވާ ގޮތަކަށް އެއުސޫލު އެޓާނީ ޖެނަރަލް އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.

"އަޅުގަނޑާއި ރާއްޖޭގެ ހުރިހާ އެޑިޓަރުންނާއި، ޓީވީތަކުގެ ވެރިންނާއި، ޖާނަލިސްޓް އެސޯސިއޭޝަންގެ އިސްބޭފުޅުން އެންމެން އެއްވެގެން ނިންމީ، މީޑިއާއެއް ކަމަށް ބެލެވޭނީ އެސިފަ ޖެހިފައި ހުރި މީޑިއާތަކަށް، ވަކި ވަކި ޝަރުތުތައް ހިމެނޭ ކަމަށްވާނަމަ އެބޭފުޅުންނަށް މިހެން ދެއްވަން ވާނެ. އެގޮތަށް އެއުސޫލު ތައްޔާރުކޮށްފައި އިންނާނީ." މިނިސްޓަރ ވިދާޅުވިއެވެ.

ކިހާ މުއްދަތެއް ވެއްޖެތޯ، ޕެންޝަނަށް އެބޭފުޅުން ރަޖިސްޓްރީ ކުރޭތޯ، މީރާއަށް ލިޔެކިޔުންތައް ފުރިހަމަ ކުރޭތޯ، މުވައްޒަފުންނަށް މުސާރަދޭތޯ، މުސާރަ ދެނީ ބޭންކް މެދުވެރިކޮށްތޯ، ހިންގާތާ ކިހާ ދުވަހެއް ވެއްޖެތޯ، އެބޭފުޅުންގެ ޕްރޮޑަކްޝަން ލެވަލް ހުރީ ކިހާވަރެއްގަތޯ، އެބޭފުޅުންގެ ސްކޭލް ހުރީ ކިހާވަރެއްގަތޯ، މިހުރިހާ ކަމަކަށް ބަލާނަން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުން ފެށިގެން މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ފަށާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވަނީ މީޑިއާތަކަށް ދުވަހަކުވެސް ނުދޭ ސަމާލުކަން ދޭނެ ކަމަށާއި، އެވައުދު ފުއްދަވާނެ ކަމަށް ވިދާޅުވެފައެވެ. މިގޮތުން އަންނަ އަހަރުން ފެށިގެން ފާސްވާ ކޮންމެ ބަޖެޓެއްގައި މީޑިއާތަކަށް ވަކި އިންސައްތައެއް، ސިޔާސީ ޕާތީތަކަށް ދޭ ފަދައިން، ފައިސާ ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަންނަ އަހަރުން ފެށިގެން ފާސްވާ ކޮންމެ ބަޖެޓެއްގައި މީޑިއާތަކަށް ވަކި އިންސައްތައެއް ސިޔާސީ ޕާތީތަކަށް ދޭ ފަދައިން، ވަކި އިންސައްތައެއް ދޭނަން، އެއީ އަޅުގަނޑުމެން ވީ ވައުދެއް، އެކަން ކުރާނަން، އަދި އެފައިސާ ދޭނެ ގޮތް ކަނޑައަޅާ ގެޒެޓުކުރާނަން، ހާމަކަން ބޮޑުގޮތެއްގައި، އޭރުން މިޑިއާތަކަށް އެލިބެނީ ފައިސާ، މީޑިއާތައް ހިންގަން" ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު ވަނީ ދައުލަތުގެ ބަޖެޓުން ވަކި އަދަދެއް ނޫސްތަކަށް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެ އެކަމަށް ވައުދުވެވަޑައިގެންފައެވެ.