logo
banner image

އާރޓިސްޓުން އުންމީދު ކުރާ ގޮތަށް ކަންކަން ކޮށްދޭނަން: މިނިސްޓަރ

އާރޓިސްޓުން އުންމީދު ކުރާ ގޮތަށް ކަންކަން ކޮށްދޭނެ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އާޓް ގެލަރީގެ މަސައްކަތްތަކަށް ބަލާއިރު މިއަހަރު މިހާތަނަށް 9 އިވެންޓަށް ފުރުސަތު ދީފައިވާ ކަމަށެވެ.

މިދިޔަ މުއްދަތުގެ ތެރޭގައި 99 ދުވަހު އާޓް ގެލަރީގައި އެގްޒިބިޓް ކޮށްފައިވާ ކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އަދިވެސް އާރޓިސްޓުން އެތަން ބޭނުންވާ ކަމަށެވެ.

"އެބޭފުޅުން ވިދާޅުވަނީ އަދި ބެނުމޭ އިތުރު ތަނެއް، ރައީސް ވިދާޅުވަނީ އެކަން އެމަނިކުފާނު ހަމަޖައްސައިދެއްވާނޭ، އެތަނަކީ ހުޅުމާލޭގައި އެސްޓީއޯ ހޮޓާ ހުރިތަން، އެތަން އެއީ މީޑިއާ ވިލެޖުވެސް ހިމެނޭ ގޮތަށް އަދި އާޓްސްގެ އެހެނިހެން މަސައްކަތްތައް ވެސް ހިމެނޭ ގޮތަށް، އަޅުގަނޑުމެން އެތަނުގައި ފަންނުވެރިން ބޭނުންވާގޮތަށް، އާޓްސް ސެކްޓާއަށް ހާއްސަކޮށް ބޭނުންވާ ގޮތަށް، އެތަނުގައި އެބޭފުޅުންގެ މައުރަޒުތައް ބޭއްވޭގޮތަށް އިންތިޒާމުތައް ހަމަޖައްސާނަން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އިގްތިސާދީ ހާލަތު ދަތި ނަމަވެސް އާޓީސްޓުން ބާކީ ނުކުރާނެ ކަމަށެވެ. އާރޓިސްޓުންނަކީ މުޖުތަމައުގައި ވަރަށް ބޭނުންތެރި މަސައްކަތެއް ކުރާ ބައެއް ކަމަށާއި، ކޮށްދެވެން ހުރި މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ.

ފަންނާނުންނަށް އެތަނުގައި ރަނގަޅު ޖާގައެއް ހަމަޖެހިގެންދާނެ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސްގެ މެނިފެސްޓޯގައި ވެސް ފަންނާނުންގެ މަސައްކަތްތައް ރާއްޖޭން ބޭރުގައި އެގްޒިބިޓް ކުރުމާ ގުޅޭ ކަންކަމުގެ އިރުޝާދު ލިބިފައިވާ ކަމަށެވެ.

މިގޮތުން ފުރުސަތުތައް ހޯދައިދިނުމަށްޓަކައި އެންބަސީތަކާއި ވާހަކަދެއްކުމާއި، ބައެއް ފެއާތަކުގައި ފަންނާނުންނަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރުމަކީ އިރުޝާދު ލިބިލައްވާފައިވާ ކަންކަން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެކަންކަން އެބޭފުޅުން އުންމީދު ކުރައްވާ ހިސާބުގައި، އެގޮތަށް އަޅުގަނޑުމެން އެބޭފުޅުންނަށް ކޮށްދޭނަން" މިނިސްޓަރ ވިދާޅުވިއެވެ.