ތ އަތޮޅުގައި އިބަމައާއި ގުޅޭ ބައްދަލުވުންތައް ކުރިއަށްގެންގޮސްފި
ތ. ގުރައިދޫ، މަޑިފުށި، އޮމަދޫ އަދި ވަންދޫ ގައި އުފައްދާފައިވާ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) އިފްތިތާޙްކުރުމަށްޓަކައި މިވުޒާރާއިން އެ ރަށްރަށުގައި ބައްދަލުވުންތަކެއް ބާއްވައިފިއެވެ.
މި ރަށްރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުންތަކުގައި އިބަމައިގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ވަނީ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން މި ބައްދަލުވުންތަކުގައި މި ވުޒާރާގެ ފަރާތުން ކުރިއަށްގެންދާ "ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ޕްރޮގްރާމާ ގުޅޭގޮތުންވެސް މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.
"ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ. މި ޕްރޮގްރާމަކީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވަރު ފުރިހަމަ ކުރުމުގެ ގޮތުން، ކޮންމެ ކުއްޖަކީ ވެސް ޢާއިލީ ވެއްޓެއްގެ ހިމާޔަތާއި، ލޯތްބާއެކު ބޮޑުވުމުގެ ފުރުޞަތު ލިބިފައިވާ ކުއްޖެއްކަން ޔަގީންކުރުމަށް ކުރިއަށްގެންދެވޭ މުހިންމު ޕްރޮގްރާމެކެވެ.
