logo
banner image

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން "ވަރަ އެކްސްޕޯ 2025"ގެ ނަމުގައި އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ސްކިލްސް އެންޑް ކެރިޔާ އެކްސްޕޯގައި 15،000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

މި އެކްސްޕޯގެ ބައިވެރިއެއްގެ ގޮތުގައި ރަޖިސްޓްރީވި ފަރާތްތަކަށް، އަގުހުރި އެތަށް އިނާމުތަކެއް ހާޞިލުކުރުމުގެ ފުރުޞަތު ވަނީ ދެވިފައެވެ. އެގޮތުން، މިނީސޯ، ސީ ސްޕޯޓްސް، އެސް.ޖޭ މޯލް ފަދަ ވިޔަފާރިތަކުން ގިފްޓް ވައުޗަރތަކާއި މެލޭޝިޔާ ދެކޮޅު ޓިކެޓް ހާޞިލުކުރުމުގެ ފުރުޞަތު ވެސް ވަރަ އެކްސްޕޯގެ ލަކީ ޑްރޯގެ ދަށުން ވަނީ ދޫކުރެވިފައެވެ.

ކެރިޔާ ޒޯން، ސްކިލްސް އެންޑް އެކްސްޕީރިއަންސް ޒޯން، އެޑިޔުކޭޝަން ޒޯން އަދި މަރކެޓް ޒޯން ހިމެނިގެން ބޭއްވުނު މި އެކްސްޕޯގައި އެކި ކުންފުނިތަކުގެ ސްޓޯލްތަށް ވަނީ ހިމެނިފައެވެ. އެގޮތުން، ތަޢުލީމާއި ގުޅޭ ސްޓޯލްތަކާއި، ވަޒީފާއާއި ގުޅޭ ސްޓޯލްތަކުގެ އިތުރުން ޒުވާނުންގެ ހުނަރުވެރިކަން ހުށަހެޅުމަށް ޚާއްސަ ސްޓޯލްތަށް ވެސް ވަރަ އެކްސްޕޯ 2025ގައި ވަނީ ހިމެނިފައެވެ. މިފަދަ ސްޓޯލްތައް ހިމެނިގެން ބޭއްވޭ އެކްސްޕޯތަކުގެ ސަބަބުން ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުންނާއި ޒުވާނުންނަށް ހުނަރުވެރިކަން އިތުރުކޮށް، އެ ޒުވާނަކު ޝައުގުވެރިވާ ދާއިރާއަކުން ކުރިއަރައިދިޔުމުގެ މަގުފަހިވެގެންދާނެއެވެ.