އެމްއެންޑީއެފް އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، އިފުތިތާހުކޮށްދެއްވައިފި
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ކަމުގައިވާ "ގަން އެއަރ ސްޓޭޝަން" ޤާއިމުކޮށް، ޚިދުމަތް ފެށުން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އިފުތިތާހުކޮށްދެއްވައިފިއެވެ.
އެކަމަށް ޓަކައި، ސ.ގަން އެއަރ ސްޓޭޝަންގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، "ގަން އެއަރ ސްޓޭޝަން" ގެ ނަންބޯޑު ކަޝްފުކޮށްދެއްވައި، "ގަން އެއަރ ސްޓޭޝަން"ގައި ޑިޕްލޯއީކުރި އެއަރ ސްކޮޑްރަންގެ ޕެނަންޓް، އެ ސްކޮޑްރަންގެ ކޮމާންޑަރ، މޭޖަރ ޙަސަން ދީދީއާ ހަވާލުކޮށްދެއްވާފައެވެ.
އެމްއެންޑީއެފް އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން އިފުތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ވަޑައިގެންނެވުމުން އެ މަނިކުފާނަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ދިވެހި ސިފައިން ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ.
އެމްއެންޑީއެފް އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމްކުރުމަކީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ ބާރު ދަމަހައްޓަވައި ނެގެހެއްޓެވުމަށް ގެންގުޅުއްވާ ތަޞައްވުރުގައި ހާސިލުކުރެވޭ މުހިންމު އެއް ލަނޑުދަނޑިއެވެ. އެ މަނިކުފާނުގެ ޤައުމީ ތަސައްވުރާ އެއްގޮތަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި މި އެއަރ ސްޓޭޝަން ޤާއިމުކުރެވިގެން މި ދިޔައީ ދިވެހިރާއްޖޭގެ މުޅި ދެކުނުގެ ސަރަޙައްދަށް ނިސްބަތްވާ އިސްތިރާޖީ ގޮތުން މުހިންމު، އަދި ދިވެހިރާއްޖޭގެ ދިފާޢީ ވަރުގަދަ ބުރުޒެއްގެ ގޮތުގައެވެ.
މި އެއަރ ސްޓޭޝަންގައި 400 މީޓަރުގެ ޓެކްސީވޭއަކާއި، 100 މީޓަރުގެ އެޕްރަނަކާއި، އެންމެ ޒަމާނީ ޓެކްނިކަލް ވަސީލަތްތަކާ އެކު ހަދާފައިވާ ހެނގަރެއްގެ އިތުރުން ސިފައިން ތިބުމަށް އެކަމަޑޭޝަން ޤާއިމުކުރެވިފައިވެއެވެ. އެމްއެންޑީއެފް އެއަރ ކޯރގެ ޓީބީ-2 އެއަރކްރާފްޓްތައް އުދުހުމަށް ޚާއްޞަ ވެފައިވާ އެއަރ ސްކޮޑްރަން-2 ގެ މި އެއަރ ސްޓޭޝަން ފަރުމާކުރެވިފައިވަނީ، ކުރިމަގުގައި ދިވެހި އަސްކަރިއްޔާގެ ވައިގެބާރު ފުޅާވަމުންދާ ވަރަކަށް، ތަރައްޤީކުރެވޭ ގޮތަށެވެ.
މި ރަސްމިއްޔާތަށް ފަހު، ގަން އެއަރ ސްޓޭޝަންގެ އޮޕަރޭޝަން ރޫމާއި، ސިމިއުލޭޓަރ ރޫމް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ބައްލަވާލައްވާފައެވެ.
މި އެއަރ ސްޓޭޝަން ޤާއިމުކުރުމަށް ދިވެހި ސިފައިން ވަނީ ޤައުމީ ރޫޙުގައި، އަސްކަރީ ފޯރިއާއި ޖޯޝުގައި ބުރަ މިންނަތް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، 2024 އޮކްޓޫބަރު 9ވަނަ ދުވަހު ފެށި އެ މަސައްކަތަކީ ދިމާވި ދަތިތަކާއި ގޮންޖެހުންތަކަށް ނުބަލައި، ދިވެހި އަސްކަރިއްޔާގެ އިންޖިނޭރުންނާއި އެކި ސަރވިސްތަކުގެ ސިފައިންގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަން ފެނިގެންދާ އަގުހުރި މަސައްކަތެކެވެ. ކުރިން ބޯޖަންގައްޔެއްގެ ގޮތުގައި އޮތް އެ ސަރަޙައްދުން މިހާރު ފެންނަނީ ސައްތައިންސައްތަ ދިވެހި ސިފައިންގެ ބުރަ، ބަރު އަދި ހުނަރުވެރި، ފަންނީ މަސައްކަތުން ބިނާކޮށްފައިވާ ޒަމާނީ އަސްކަރީ އެއަރ ސްޓޭޝަނެކެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޤިޔާދަތުގެ ދަށުން ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ދިވެހި އަސްކަރިއްޔާގައި ވައިގެ ބާރެއް އުފައްދަވައި، އަންމޭންޑް އޭރިޔަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކުރައްވާފައިވަނީ 2024 މާރިޗު 15ވަނަ ދުވަހުއެވެ.
-1762417726667.webp)