މީދޫ ކުނި މެނޭޖުކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް މިނިސްޓަރ ފައްޓަވައިދެއްވައިފި
އައްޑޫ ސިޓީ މީދޫ ގައި ކުނި މެނޭޖުކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވައިފިއެވެ.
ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މީދޫގައި ގާއިމްކުރާ ކުނި މެނޭޖުކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް މިނިސްޓަރ ފައްޓަވައިދެއްވީ އެ ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިއީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވައިރަމަންޓް އިން ކުރިއަށްގެންދަވާ މަޝްރޫއުއެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި، މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އަރިހުގައި މިނިސްޓަރ ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކު ވޭސްޓް މެނޭޖްމެންޓުގެ މަސައްކަތް ވެސް އިއްޔެ މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ ފައްޓަވައިދެއްވާފައެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ މީދޫގައި ޢިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ޢަމަލީ މަސައްކަތާއި، މަރަދޫ ފޭދޫ ފުޓްސަލް ދަނޑުގެ މަސައްކަތުގެ އިތުރުން މަރަދޫ ފޭދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ވެސް ފައްޓަވައިދެއްވާފައެވެ.
