މަސްވެރިކަމުގެ ލައިސަންސަށް އެދުމުގެ ޚިދުމަތް 'ކެޔޮޅު' ޕޯޓަލް މެދުވެރިކޮށް
މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހެޅުމާއި ލައިސަންސް އާކުރުމުގެ އިންތިޒާމް، ފިޝަރީޒް މިނިސްޓްރީން ދޭ ޚިދުމަތްތައް ޑިޖިޓައިޒް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، 'ކެޔޮޅު' ވެބް-ޕޯޓަލް (keyolhu.mv) މެދުވެރިކޮށް ހަމަޖައްސައިފިއެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލައިސަންސާ ގުޅޭ ކަންކަން ހަމަޖެއްސުމަށް ފަސޭހަވެ، ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.
މި އިންތިޒާމުގެ ދަށުން، މިނިސްޓްރީން އާންމުކޮށް އިއުލާނުކުރައްވާފައިވާ ގޮތުގައި، ނޮވެންބަރު 4 ވަނަ ދުވަހުން ފެށިގެން އަލަށް މަސްވެރިކަމުގެ ލައިސަންސަށް ހުށަހަޅާ ފޯމު ބަލައިގަންނާނީ 'ކެޔޮޅު' ޕޯޓަލް މެދުވެރިކޮށެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ލައިސަންސް އާކުރުމަށް ހުށަހަޅާ ފޯމު، ނޮވެންބަރު 23 ވަނަ ދުވަހުން ފެށިގެން ބަލައިގަންނާނީވެސް ހަމަ މި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. 'ކެޔޮޅު' ޕޯޓަލްއަށް ލޮގްއިން ވެވޭނީ އެފަރާތެއްގެ އީފާސް އެކައުންޓް މެދުވެރިކޮށެވެ.
'ކެޔޮޅު' ޕޯޓަލް އަކީ މިހާރުވެސް މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމުގެ ލައިސަންސަށް އެދި ހުށަހެޅުމަށާއި، ކުންފުނިތަކުން ގަންނަ މަހުގެ ތަފްޞީލު ގަވާއިދުން މިނިސްޓްރީއަށް ފޮނުވުމަށް، އަދި މަސް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ކެޗް ސެޓްފިކެޓް ދޫކުރުމަށް މިނިސްޓްރީން ބޭނުންކުރަމުންދާ ވަޞީލަތެކެވެ. މަސްވެރިކަމުގެ ލައިސަންސްގެ ކަންކަންވެސް މި ޕޯޓަލްއާ ގުޅުވުމަކީ މަސްވެރިކަމުގެ ދާއިރާގެ ޚިދުމަތްތައް އިތުރަށް މަރުކަޒުކޮށް، ފަސޭހަކޮށް، ޒަމާނީ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ޕޯޓަލް މެދުވެރިކޮށް އަލަށް ލައިސަންސަށް އެދި ހުށަހެޅުމުގައި އަދި ލައިސަންސް އާ ކުރުމަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑް މި މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިޢު ކޮށްފައިވާނެއެވެ. މިގޮތުން، ކަށިމިޔަރު މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހަޅާ ފޯމްވެސް މިނިސްޓްރީން ބަލައިގަންނާނީ މި ޕޯޓަލް މެދުވެރިކޮށެވެ. މިކަމާބެހޭ ގޮތުން އިތުރު މައުލޫމާތެއް ބޭނުންފުޅުވާނަމަ، މިނިސްޓްރީގެ 3339270 ނުވަތަ 3339272 ނަންބަރަށް ގުޅުއްވުން އެދެމެވެ.
