ދ މީދޫގައި ގާއިމް ކުރި 30 ޓަނުގެ އައިސްޕްލާންޓު ހުޅުވައިފި
ދ. މީދޫގައި މިފްކޯއިން ޤާއިމުކޮށްފައިވާ 30 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ހުޅުވައިފިއެވެ.
މިކަމަށްޓަކައި މީދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އައިސް ޕްލާންޓާއި ސްޓޯރޭޖް ފެސިލިޓީ ހުޅުއިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއެވެ. މި ރަސްމިއްޔާތުގައި، މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) ފަރުހަތު ޝަހީރު އާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޙް މުޙައްމަދު ލަޠީފް އަދި މީދޫ ކައުންސިލްގެ ރައީސް އާއި އިސްވެރިން ބައިވެރިވެވަދައިގެންނެވި އެވެ.
ދ. މީދޫގައި އައިސްޕްލާންޓު ގާއިމްކުރުމުގެ މަސައްކަތް މިފްކޯއާއި ހަވާލުކުރީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
މި އައިސްޕްލާންޓްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، "މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން" މި ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން ކުރެވުނު މަސައްކަތެކެވެ.
ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހެޔޮ އަގުގައި ފަސޭހައިން އައިސް ނުލިބުމެވެ. މަސްވެރިންގެ މި ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.
