logo
banner image

މިނިސްޓްރީގެ އެންމެ ބޮޑު މަސައްކަތަކީ ޒުވާނުން ވަޒީފާއަށް ނެރުން: މިނިސްޓަރ

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ އެންމެ ބޮޑު މަސައްކަތަކީ ޒުވާނުން ވަޒީފާއަށް ނެރުން ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ، ޒުވާނުން ވަޒީފާއަށް ނެރުމަށްޓަކައި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ނެޕް)އިން ކާމިޔާބު މަސައްކަތްތަކެއް ނިންމާލާފައިވާ ކަމަށެވެ.

މިގޮތުން 108 ކުދިން މިޕްރޮގްރާމް ފުރިހަމަކޮށްފައިވާއިރު މީގެ ތެރެއިން ގިނަ ފަރާތްތަކުން ތިބީ ވަޒީފާގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިވަގުތު ވެސް ނެޕްގެ ޕްރޮގްރާމްތަކެއް ކުރިއަށް އެބަދާ ކަމަށާއި، އެޕްރޮގްރާމްތަކުގެ ތެރެއިން 111 ކުއްޖަކު މިވަގުތު ޕްރޮގްރާމް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މެރިއޮޓްގައި ވަރަށް ކާމިޔާބު ދެ ޕްރޮގްރާމެއް ނިމިއްޖެ، ބައެއް ބޭފުޅުން ތިބީ ވަޒީފާގައި، އަޅުގަނޑަށް ގްރެޖުއޭޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބުން، 2 ޕްރޮގްރާމް އަޅުގަނޑުމެން ފަށައިފިން، އަޅުގަނޑުމެންގެ އިއްޒަތްތެރި ނައިބު ވަޑައިގެން، އަޅުގަނޑާއެއްކޮށް އަޅުގަނޑުމެން އެ މަސައްކަތް ފެށީ، މީގެ އިތުރުން އެސްއޯއީތަކުން އަޅުގަނޑުމެން ކުރިއަށް އެބަގެންދަން އެޗްޑީސީ އަދި އެމްޕީއެލް ފަދަ ތަންތަނުން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ކުރިއަށް 13 ޕްރޮގްރާމެއް ރޭވިފައިވާ ކަމަށާއި، އެޕްރޮގްރާމްތަކުގައި ބައިވެރިވާނެ 334 ބައިވެރިން މިވަގުތާ ހަމައަށް ލިބިފައިވާ ކަމަށެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިޔަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ހާއްސަ ކުރެވިގެންނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެއެވެ.