ޖެނެރޭޝަނަލް ބޭން ޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ގޮތުން ފެށި ނޭޝަނަލް ޓޯޗު ރަން ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު އާދަމް ނަޞީރު ބައިވެރިވެވަޑައިގެންފި.
ޖެނެރޭޝަނަލް ބޭން ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ގޮތުން މިއަދު ފެށި ނޭޝަނަލް ޓޯޗު ރަން ފެއްޓުމުގެ ރަސްމިއްޔާތުގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ.
"ނޭޝަނަލް ޓޯޗު ރަން" އަކީ، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތް މަނާކުރާ ގާނޫނު، ނުވަތަ ޖެނެރޭޝަން ބޭން އަށް އަމަލުކުރަން ފެށުން ފާހަގަކުރުމުގެ ގޮތުން ބާއްވާ 24 ގަޑިއިރުގެ ދުވުމެކެވެ. މާލޭ ކުޅިވަރު އެކުވެނި ޓްރެކް ދަނޑުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދުވުން ރަސްމީކޮށް ފަށްޓަވައި ދެއްވީ ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.
މި ދުވުމުގެ މަޤްޞަދަކީ ދުންފަތުން ދުރު ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމެވެ. މެދުނުކެނޑި 24 ގަޑިއިރު ކުރިއަށްދާ މި ހަރަކާތް ނިންމާލާނީ ޤާނޫނަށް އަމަލުކުރަން ފަށާ ދުވަސްކަމަށްވާ ނޮވެންބަރު މަހުގެ 1 ވަނަދުވަހު (މާދަމާ) ހަވީރު 16:00 ގައެވެ. ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ޖެނެރޭޝަނަލް ބޭން ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވާފައި ވަނީ މި އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. މި ރަން އިންތިޒާމް ކުރައްވާފައި ވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ޞިއްޙީ ވުޒާރާ އާއި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިންނެވެ.
މި ރަން ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވަޒީރުންނާއި ރައްޔިތުން މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންނާއި ޤައުތަކުގެ ބައެއް ސަފީރުންނާއި ޑިޕެލޮމެޓުންބައިވެރިވެވަޑައިގަތެވެ. އޭގެ އިތުރަށް ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުންނާއި މަދަނީ ޖަމްޢިއްޔާތަކުންނާއި އެކި އުމުރުފުރައިގެ ދަރިވަރުން ބައިވެރިވިއެވެ.
-1761925963184.webp)