logo
banner image

ހިންނަވަރުގައި އެމް.އެން.ޔޫގެ ކެމްޕަސް އަދި ދަނާލް ޤާއިމުކުރުމުގެ ފަހުމުނާމާގައި ސޮއިކޮށްފި

ޅ.ހިންނަވަރުގައި ދިވެހިރާއްޖޭގެ ޤަައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ކެމްޕަސް އަދި ދަނާލް ޤާއިމުކުރުމަށް އެމް.އެން.ޔޫ އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރެޝަން (އާރް.ޑީ.ސީ) އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރެޝަން (އާރް.ޑީ.ސީ)ގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ މުވައްސަސާގެ މެނޭޖިން ޑިރެކްޓަރ، އިބްރާހިމް ނަޒީމެެވެ. އަދި ދިވެހިރާއްޖޭގެ ޤަައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ.އާއިޝަތު ޝެހެނާޒް އާދަމް ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވައިފައެވެ.

މި އެއްބަސްވުމުގެ ސަބަބުން އަތޮޅުތެރޭގައި މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތައް އިތުރުވުމާއެކު، ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމުގެ މަަގުފަހިވެގެންދާނެއެވެ. އެގޮތުން، އެ ޒުވާނަކު ކުރިއަރައިދިޔުމަށް ޝައުގުވެރިވާ ދާއިރަކުން ތަޢުލީމާއި ތަމްރީނު އަތޮޅު ތެރެއިން ހާޞިލުކުރުމަށް ބޭނުންވާ ޚިދުމަތްތައް ޤާއިމުކުރުމަށް ސަރުކާރުން ދަނީ މިފަދަ އެތަށް މަޝްރޫޢުތަކެއް ކުރިއަށްގެންދަމުންނެވެ.

ޅ.ހިންނަވަރުގައި ދިވެހިރާއްޖޭގެ ޤަައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ކެމްޕަސް އަދި ދަނާލް ޤާއިމުކުރުމުގެ މި މަޝްރޫޢުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިޔާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ.މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވަޑައިގަންނަވައިފައެވެ.