ތަކަންދޫގެ ބައެއް ޒުވާނުން ވަޒީރާއި ބައްދަލުކޮށްފި
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ، ހއ. ތަކަންދޫ އެކުވެރިންގެ ރޫހް ގެ ޒުވާނުންނާއި، ދަނޑުވެރިކަން ތަރައްޤީ ކުރުމަށް މަސައްކަތް ފަށާފައިވާ ޒުވާނުންގެ ގްރޫޕަކާ ބައްދަލުކުރެއްވިއެވެ.
މި ބައްދަލުވުމުގައި، ވަނީ އެ ފަރާތްތަކުން ތަކަންދޫގައި ކާބޯތަކެތީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ރާވާފައިވާ ޕްލޭންތައް ވަޒީރާއި ހިއްސާކޮށްފައެވެ. އަދި މި ވުޒާރާގެ އެއްބާރުލުމާއި، ޓެކްނިކަލް އެހީތެރިކަމާއި، ތަމްރީނު ފުރުސަތުތައް ހޯދުމަށް ޝައުޤުވެރިކަން ފާޅުކުރިއެވެ.
މި ބައްދަލުވުމުގައި ތަކަންދޫގެ ޒުވާނުންގެ މި އިސްނެގުމަށް ވަޒީރު ވަނީ ތަޢުރީފުކުރައްވާފައެވެ. އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމަށާއި ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން މުޖުތަމަޢުއަށް ކަށަވަރުކޮށްދިނުމަށް އިސްނެގުމުގެ މަތިން ހިންގޭ މަޝްރޫޢުތަކަށް އެހީތެރިވުމަށް މި ވުޒާރާއިން އަބަދުވެސް މަސައްކަތްކުރާނެކަމަ، އެކަމަށް ދެވެންއޮތް އެންމެހާއި އެހީތެރިކަމެއް ދެއްވާނެކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި..
މި ސަރުކާރުން އަންނަނީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދަނދުވެރިކަމާއި ބެހޭ ވަކި ވުޒާރާއެއް އުފައްދަވާ، ރާއްޖޭގެ ކާނާގެ ޔަގީންކަން އިތުރުކޮށް، އިންޕޯޓު ކުރާ ބާވަތްތައް މަދުކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
